ޚަބަރު

ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވަނީ

ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމަށް އެގައުމުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖެރަމީ ހަންޓު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ އަހަރަކު ލައްކައެއްހާ އިނގިރޭސި ރައްޔިތުން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށާއި އެގައުމުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުން ދެ ގައުމުގެ ގުޅުން ވެސް އިތުރަށް ބަދަހިކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް ނިންމާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފައެވެ. އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމުން ތައުލީމާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވެ، އިންވެސްޓްމަންޓްތައް ލިބުމަށް ފަހިވާނެ ކަމަށެވެ.

ޔޫރަޕްގެ ގައުމަކުން އަދި ރާއްޖޭގައި އެމްބަސީއެއް ގާއިމްކޮށްފައެއް ނުވެއެވެ.