މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އެއްވެ އުޅުމާއި މޫދަށް އެރުމާއި ދަތުރުދިއުން ފަދަ ކަންކަން މަނާކޮށްފިއެވެ.
އެ ފިޔަވަޅު އަޅާފައިވަނީ ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާދަމާ ހަވީރު 6:00 އިން ފެށިގެން މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ރަށްރަށުގައި ވެސް އެއްވެ އުޅުމާއި މޫދަށް އެރުމާއި ދަތުރުދިއުން ފަދަ ކަންކަން މަނާކޮށްފައިވާ އިރު، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް މުޅި ރާއްޖެ ލޮކްޑައުންކުރަން ވެސް ވަނީ ނިންމައިފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް:
- ޒަރޫރީ ބޭނުމެއްގައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން.
- މި އެންގުމުގެ އެއްވަނަ ނަންބަރުގައި ފިޔަވަޅު އަޅާފައިވާ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުން.
- ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަން ވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުން. ވަކިން ހާއްސަކޮށް ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރުދިއުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓައިލުން.
- ބަލިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައި ވެސް އަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައި ވެސް ގައިދުރުކަން ބެހެއްޓުން.
- ވޭތުވެދިޔަ ތަނުގައި މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް 19އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުން.