އދ. މަހިބަދޫގައި ފަޅުގައި އަޅާފައިވާ ލޯންޗުތަކެއްގައި ރޯކޮށްލުމުގެ ޒިންމާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް އިން އުފުލާފައިވާ ކަމަށޤ ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސުން ބުނެފިއެވެ.
އިއްޔެ ރޭ ފަތިހު ފަސް ލޯންޗެއް އަންދާލި ހާދިސާއަކީ ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.
ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސުން ބުނީ ފަސް ލޯންޗް އަންދާލި ހަމަލާ ދިނީ އެކަމަށް ތައްޔާރުކޮށްފައިވާ ޑިވައިސްތަކެއް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވަނީ އެއީ ބަޔަކު ގަސްދުގައި ހިންގި އަމަލެއްކަން، މިހާތަނަށް ކުރި ތަހުގީގުން ކަށަވަރުވާ ކަމަށެވެ.
މަހިބަދޫގައި ރޯކޮށްލާފައި ވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.