އަލީ ޔާމިން
ރާއްޖެއިން ބޭރުން އައި ސަރުކާރުގެ މަތީ މަގާމުތައް އަދާކުރައްވާ އެއްވެސް ބޭފުޅެއްގެ އާއިލާއެއް ކަރަންޓީނު ނުކޮށް ދޫކޮށްލާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރުން އައި ސަރުކާރުގެ ވެރިންނާއި މާލޭގެ ބޮޑެތި އާއިލާތަކުގެ މީހުން ކަރަންޓީނު ނުކޮށް ދޫކޮށްލާފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި މިރޭ ކުރެއްވި ޓުވީޓެއްގައި އަލީ ޒާހިރު ވިދާޅުވީ، އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު އެއްވެސް އަސްލެއްނެތް ވާހަކައެއް ކަމަށެވެ.
އަލީ ޒާހިރު ވަނީ އެފަދަގޮތަކަށް ދޫކޮށްލާފައި ހުރި އެންމެ މީހެއްގެ މައުލޫމާތު ވެސް ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ.
"އެންމެ މީހެއްގެ މައުލޫމާތު ދެއްވާ. ހަމަ ޔަގީން އެންމެ މީހެއްގެ މައުލޫމާތު ވެސް ނުދެވޭނެކަން،" އަލީ ޒާހިރު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ކަރަންޓީނު ފެސިލިޓީތަކަށްލާން ނިންމީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް 19 އާ ގުޅިވައިގެން ދޮގު މައުލޫމާތުތައް ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ކަމަށެވެ.