މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މޯލްޑިވް ގޭހުން ގޭސްފުޅި ދެން ޑެލިވާކޮށްދޭނީ ގެއާ ހަމައަށް ކަމަށް އެކުންފުނިން ބުނެފިއެވެ.
މޯލްޑިވް ގޭހުން ރޭ ކަސްޓަމަރުންނަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ ކުރިއާ ހިލާފަށް މޯލްޑިވް ގޭހުން ގޭސްފުޅި ޑެލިވާކޮށްދިނުމަށް ހަމަޖައްސާފައިވަނީ ގެއާ ހަމައަށް ކަމަށާއި، އެހެންކަމުން ހުސްފުޅި ގޭގެ ބޭރުން ނެގޭނެ ގޮތް ހަމަޖައްސައިދިނުން އެދޭ ކަމަށެވެ. ކުރިން މޯލްޑިވް ގޭހުން ގޭތެރެޔާއި ހަމައަށް ގޭސްފުޅި ޑެލިވާކޮށްދެއެވެ.
މޯލްޑިވް ގޭހުން ބުނީ މިކަން މިގޮތަށް ކުރަން ނިންމާފައިވަނީ ދެ ފަރާތުގެވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެހެންކަމުން މި ދަތި އުނދަގޫ ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންވެސް ކެތްތެރިވެ ތިބެގެން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރުމަށް މޯލްޑިވް ގޭހުން ބުނެއެވެ.
ކޮވިޑް 19އާއި ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެސްއެމްއެސްކޮށްގެން ގޭސް ފުޅިއަށް އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭހުން ވަނީ މީގެ ކުރިން ހަމަޖައްސައިފައެވެ. އަދި މޯލްޑިވް ގޭހުގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ފައިސާ ދެއްކޭ އިންތިޒާމު ވެސް އެ ކުންފުނީގެ ވެބްސައިޓު maldivegas.com/order މެދުވެރިކޮށް ވަނީ ހަމަޖައްސައިފައެވެ.