ކޮވިޑް 19 ފެތުރުން ހުއްޓުވިގެން ނޫނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށެން ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ އދ. ގެ މައި ޖަމިއްޔާ، ޔޫއެންޑަބްލިޔުޓީއޯ އިން އެކުލަވާލި ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައި ސައުތު އޭޝިއާ އަދި ރާއްޖެ ތަމްސީލުކޮށް މިއަދު ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އަދި އެންމެ މުހިންމު ވާޖިބަކީ ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ސިއްހަތާއި، ސަލާމަތާއި، ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި މިވަގުތަށް އެންމެ މުހިންމީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ފެތުރުން ހުއްޓުވުން ކަމަށެވެ.
ކޮވިޑް 19 ފެތުރުން ހުއްޓުވިގެން ނޫނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ނުފެށޭނެ ކަމަށާއި އެދުވަހަށް ތައްޔާރުވުމަށްޓަކައި މިހާރުއްސުރެ "ރައްކާތެރި ފަތުރުވެރިކަން" ފެށުމަށް ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ދިރާސާ ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ އުސޫލެއް އެ ޖަމިއްޔާގެ އެހީތެރިކަމާއެކު ތައްޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.
މިއަދު ބޭއްވި ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގެ ބައްދަލުވުމުގައި ޑަބްލިޔުއެޗްއޯ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަޒައިޒޭޝަން (އިކާއޯ)، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)، އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)، ކްރޫޒްލައިންސް އިންޓަނޭޝަނަލް އެސޯސިއޭޝަން (ސީއެލްއައިއޭ) އަދި ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔުޓީޓީސީ)ގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.