ޚަބަރު

ވަށަފަރާއި މަޑިފުށީގެ ގެއެއް ހިމެނޭގޮތަށް ޖުމްލަ 22 ގެއެއް މޮނީޓަރިންގައި

އަލީ ޔާމިން

މާލެއިން ކޮވިޑް 19އަށް ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގެ ބައެއް ރަށްތައް ހިމެނޭ ގޮތަށް ޖުމްލަ 22 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އިއްޔެ މާލެއިން ޕޮޒިޓިވްވެފައިވަނީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް ދިވެހި އަންހެނެކާއި އޭނާގެ ދެ އަހަރުނުވާ ތުއްތު ދަރިފުޅެވެ. އަދި ރޭ ދަންވަރުގެ ވަގުތެއްގައިވަނީ އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮންޓެކްޓް ޓްރޭސިން ހެދުމަށް މީހުން ވަނުމާއި ނުކުތުން މިވަގުތު 22 ގެއަކަށް މަނާކޮށްފައިވާ ކަމަށެވެ. އެއީ ހުޅުމާލެ ލޮޓް 11090 އާއި ހ. ރަތްކުރެދި އާރު އާއި މ. ފީރޯޒުގެ 6ބީ އާއި މ. ލޯކަށި 3ސީ އާއި މ. ސޯސަންމާގެ އާއި ހ. ފެނިގެއްލިދާގެ ހަތްވަނަ ފަންގިފިލާ އާއި ހުޅުމާލެ ފްލެޓް 02-2-6 އާއި އަމީން އެވެނިއު ޓީކް 905 އާއި މ. ނާގޫޝުވިލާ ދެވަނަ ފަންގިފިލާ އާއި ހުޅުމާލެ ލޮޓް ނަންބަރު 11296 އާއި މއ. އޯކިޑް އެވެ.

މީގެ އިތުރުން މ. މަދޮށި ދެވަނަ ފަންގިފިލާ އާއި ގ. ވޯކްހައުސް އާއި ހުޅުމާލެ 10035 ގެ ދެވަނަ ފަންގިފިލާ އާއި ހުޅުމާލެ ފްލްޓް 97-302 އާއި ހުޅުމާލެ ފްލްޓް 1-2-06 އާއި މ. ކުދެހިގަސްދޮށުގެ ހަތްވަނަ ފިންގިފިލާގެ އެޕާޓްމަންޓް ބީވެސް މޮނީޓަރިންގެ ހާލަތުގައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ އަތޮޅުތެރެއިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކ. ކާށިދޫ ދުވެލިގެ އާއި ހއ. ވަށަފަރު ނައިދުރުގޭ އާއި ތ. މަޑިފުށި ސްނޯލައިޓް އާއި ސ. ހިތަދޫ ނޫމަސްވާދީގެ ކަމަށެވެ.

އެޗްޕީއޭއިން އިއްޔެ ވަނީ ބައްޔަށް ޕޮޒިޓިވްވި އަންހެން މީހާ ދިރިއުޅޭ މ. ޖަރީމާގެ މޮނީޓަރިންގެ ހާލަތަށް ގެނެސް، ކާށިދޫވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.