ޚަބަރު

އެސްޓީއޯ އީސްޓޯރުގެ ޑެލިވަރީ ވީހާވެސް އަވަސް ކުރެވޭތޯ މިދަނީ މަސައްކަތް ކުރަމުން: އަމްރު

އެސްޓީއޯ އީސްޓޯރުގެ ޑެލިވަރީގެ ހިދުމަތް ވީހާވެސް އަވަސް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން އިޖްތިމާއީ ގައިދުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން އިރުޝާދު ދެމުންދާތީ އެސްޓީއޯ ސުޕަމާޓަށް ނުގޮސް އޮންލައިންކޮށް އެއްޗެހި ގަތުމުން، ޑެލިވަރީ ކުރުމުގެ ހިދުމަތް މިމަހުގެ ކުރީކޮޅުން ފެށިގެން އެސްޓީއޯ އިން ވަނީ ފަށައިފައެވެ.

ނަމަވެސް މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުމާއެކު މާލެއަށް ލޮކްޑައުންގެ ހާލަތު އިއުލާން ކުރުމުން ގިނަ ބަޔަކު ވަނީ ގޭގައި ތާށިވެ، ފިހާރަތަކުން އޮންލައިން ޑެލިވަރީގެ ހިދުމަތަށް ބަރޯސާވާންޖެހިފައެވެ. ނަމަވެސް އެ ހިދުމަތް އެކަށީގެންވާ މިންވަރެއްގައި ފޯރުކޮށް ނުދެވޭތީ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

އަމްރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ފުލުހުންގެ އެންގުމާ އެއްގޮތަށް އިއްޔެގެ އީސްޓޯރުގެ ޑެލިވަރީތައް ވެސް ޑެލިވަރީ ޕާމިޓް ލިބެންދެން ހުއްޓާލަންޖެހުނު ކަމަށެވެ.

އެ ހުއްދަ މިހާރު ލިބިފައިވީ ނަމަވެސް އިއްޔެގެ ޑެލިވަރީތަކާއެކު އަދި މިއަދު ޑިމާންޑު ބޮޑުވުމާއެކު ލަސްތަކެއް އުޅޭކަން އަމްރު ފާހަގަކުރެއްވިއެވެ. ނަމަވެސް ސުޕަމާކެޓްގެ ފުލް ކޯޕަރޭޝަންގައި ހިންގާ ވީހާވެސް ގިނަ ފަރާތްތަކަށް އަވަހަށް ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ޑެލިވަރީ ވީހާވެސް އަވަސް ކުރެވޭތޯ މިދަނީ ފުލް ކޯޕަރޭޝަންގައި ހިންގާ ވެބްސައިޓްގެ ހައި ޓްރެފިކުގެ ސަބަބުން އަންނަ ލަސްތައް ހައްލު ކުރުމަށް ސާވިސް ޕްރޮވައިޑާއާއެކު މަސައްކަތް ކުރަމުން. އުންމީދަކީ މި ހައި ޓްރެފިކް މެނޭޖުކޮށް ސުޕަމާކެޓްގެ ފުލް ކޯޕަރޭޝަންގަ ހިންގާ ވީހާވެސް ގިނަ ފަރާތްތަކަށް އަވަހަށް ތަކެތި ފޯރުކޮށްދިނުން،" އަމްރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ، މި ހިދުމަތަކީ އަލަށް ކުރާ ކަމަކަށްވާތީ ފަށާކޮޅުގައި ދަތިތަކެއް ހުރެދާނެ ކަމަށާއި އަދި އެކަމާއެކު ވެސް ކަސްޓަމަރުންގެ ކެތްތެރިކަމަށާއި ދޭ އެއްބާރުލުމަށް ޝުކުރުއަދާ ކުރާ ކަމަށެވެ.