މިދިޔަ 14 ދުވަހުގެ އަމިއްލަ ކޮންޓެކްޓް ޓްރޭސިން ކޮންމެ މީހަކުވެސް ހަދާފައި ބޭއްވުމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު އެދިވަޑައިގެންފިއެވެ.
މާލެ ތެރޭން ކޮވިޑް 19 ގެ ތިން މީހުން ފެނި، މި ބަލި މުޖުތަމައަށް ފެތުރިފައިވާ އިރު، ކަމުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ، މި ފަދަ ކޮންޓްރެކްޓް ޓްރޭސީންއެއް ހަދާފައި ބޭއްވުމަކީ ޑޮކްޓަރުންގެ ފަސޭހައަށް ޓަކައި ކޮންމެ މީހަކު ވެސް ކޮށްފައި ބޭއްވުން މުހިންމު ކަމެއް ކަމަށެވެ.
"ފާއިތުވި 14 ދުވަހު ބައްދަލުވި މީހުން އެނގޭގެ ގޮތަށް، ތަފްސީލު ކޮންޓެކްޓް ޓްރޭސިން ލިސްޓެއް ހަދާފަ ބޭއްވީމަ މި ކަމުގަ ޑޮކްޓަރުންނަށް ވަރަށް ފަސޭހަ ވާނެ. އޭރުން ބަި ފެތުރިގެން މިދާ ހާލަތުގައި މައުލޫމާތު ހޯދުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ." މަބުރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ، މާލޭން ފެނުނު ފުރަތަމަ މީހާ (ކޭސް 21) އާއީ ސީދާ ބައްދަލުވި މީހުންގެ އަދަދުވެސް 200 އަށްވުރެ މައްޗަށް އަރާކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާއި އަދި ވެސް އަ އަދަދު އިތުރުވަމުން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
މަބުރޫކް ވިދާޅުވީ އެއީ ވަރަށް މަތީ އަދަދެއް ކަމަށާއި ކޮންޓްކެޓް ޓްރޭސިން ހެދެމުންދާ ވަރަކަށް އެ އަދަދު މައްޗަށް ދާނެ ކަމަށެވެ. އެހެން ކަމުން އެފަދަ ކަމެއް ޖެހޭ އިރު، ކޮންމެ މީހަކުވެސް އެމީހެއްގެ ފާއިތުވި 14 ދުވަހުގެ ކޮންޓެކްޓް ޓްރޭސިންއެއް ހަދާފައި އޮތުމުން މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެ މައުލޫމާތު ދެނެގަންނަން ފަސޭހަ ވާނެކަން މަބުރޫކް ފާހަގަކުރެއްވި އެވެ.
ކޮވިޑް 19 ޖެހިފައި ހުރި މީހަކު މާލެ ތެރޭން އިއްޔެ އަލަށް ފެނިފައިވާ އިރު، އޭނާއާ ސީދާ ބައްދަލުވި އިތުރު ދެ މީހުންނާ އެކު ފާއިތުވި 24 ގަޑި އިރު ތެރޭ މާލޭން ވަނީ ބަލި ޖެހުނު 3 މީހުން ފެނިފަ އެވެ. މީގެ ތެރޭގައި ކޭސް 21 ގެ ދެ އަހަރު ނުފުރޭ ދަރިފުޅުވެސް ހިމެނެ އެވެ.