ކޮވިޑް19 އިން ރައްކާތެރިވުމަށް ކުރީންވެސް އެދުނުގޮތަށް ގައިދުރުކޮށް އުޅުނު ނަމަ މިއަދު މިހާ ގިނަ ބަޔަކު ރިސްކުގައި ނުތިބޭނެ ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓްރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކް ވިދާޅުވީ ގައިދުރުކުރުމާއި، ގޭގައި ތިބުމަށް ފެށުނީއްސުރެ އިލްތިމާސްކުރަމުން އައީ ކޮވިޑް 19ގެ 100 އިންސައްތަ ހައްލު މިހާތަނަށް އެއްވެސް ގައުމަކަށް ހޯދިފައިނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން ފެށުނީއްސުރެ ގޭގައި ތިބުމަށް ގައިދުރުކުރުމަށް އެވާހަކަ ދައްކާ މައިގަނޑު އެއް ސަބަބަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް މިކަމުގައި 100 ޕަސަންޓް ހައްލު ހޯދާ އެގޮތަށް އަމަލު ކުރެވޭކަށެއްް ނޯވޭ،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނާއި ސަރުކާރުން ދެމުން އައި އިރުޝާދުތަކާ އެއްގޮތަށް ކުރިން އަމަލު ކުރެވުނު ނަމަ މިހާރު މިއޮތް ހާލަތަށް ރާއްޖެ ނުދާނެ ކަމަށެވެ.
"އަޅުގަނޑުމެން އަންގަމުން މިދިޔައީ އަމަލު ކުރަންވީ ގޮތް. މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާށޭ. ޕާޓީތަކާ މަސް ދަތުރުތައް ނުދާށޭ. ސައިބޯން އެއްގެއަކަށް ގޮސް މިކަހަލަ ކަންކަން ނުކުރާށޭ. އެކަން އެގޮަތަށް ނެތްނަމަ މިހާރު މިއޮތް ހާލަތަށްވުރެ ކްލެސްޓާ ކުޑަ ކުރެވުމުގެ އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެގޮތަށް އަމަލު ކުރެވިއްޖެ ނަމަ މި ބަލި ފެތުރުން ހުއްޓުވައި ﷲގެ އިރާދަފުޅާއެކު މިހާހިސާބުން ބަލި މަޑުޖައްސާލެވެން އެބައޮތް،" މަބްރޫކް ވިދާޅުވިއެވެ.
މާލެއިން އިއްޔެ ވަނީ ދިވެހި އަންހެން މީހަކާއި އޭނަގެ ދެ އަހަރު ނުވާ ކުޑަ ދަރިފުޅަށް ކޮވިޑް 19 ޖެހިފައެވެ. އަދި ރޭ ދަންވަރު ވަނީ އިތުރު މީހަކަށް ބަލި ޖެހިފައެވެ.