ރާއްޖޭގައި ކޮވިޑަށް ޓެސްޓުކުރަން ބޭނުންކުރާ ނިޒާމަކީ މިކަމުގައި އެންމެ އިތުބާރުކުރެވޭ އެއް ނިޒާމު ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓްރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް އެކި ކިޓުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރެވޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޭނުން ކުރެވެނީ ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ ކިޓުތަކުގެ ތެރެއިން އެންމެ ޔަގީންކަން ބޮޑު އެއްވައްތަރު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރާއްޖޭގައި މިބޭނުން ކުރަނީ ދުނިޔޭގެ ނިސްބަތުން އެންމެ ޔަގީންކަން ބޮޑު އެއްވައްތަރުގެ ޓެސްޓު. 95 ފަސަންޓާ ހަމައަށް އެކިއުރެސީ ހޯދޭނޭ މި ޓެސްޓުން،" މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ވަރަށް ޓެސްޓު ކިޓު މިހާރު ވެސް އެބަހުރި ކަމަށާއި އަދި ޓެސްޓު ކިޓު ގެނެސް ސެކުއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރާ 10،000 ކިޓާއި އަލީ އަލީބާބާގެ ކުރީގެ ޗެއާމަން އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަން، ޖެކް މާ ހަދިޔާކޮށްފައިވާ 10،000 ޓެސްޓް ކިޓު ރާއްޖެ ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ، ކޮވިޑް 19 ޖެހިފައިވޭތޯ ބެލުމަށް ހަދާ ޓެސްޓުން ނެގެޓިވްވި ނަމަވެސް ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނި ބަލިޖެހޭއިރު، އަނެއްބައި މީހުންނަށް ބަލި ޖެހުނުކަން ނޭނގި އަމިއްލައަށް ރަނގަޅުވާ ކަމަށެވެ.