ކުރިއަށްއޮޔް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
ރައީސް ނަޝީދު އެކަން އިއުލާންކުރައްވާފައިވަނީ މިރޭ މައްޗަންގޮޅީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެ ދާއިރާގެ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
މައްޗަންގޮޅި މެދު ދާއިރާއަކީ އަންނަ މާޗް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އަލަށް އިތުރުކުރި ދާއިރާއެކެވެ. އެ ދާއިރާއާއެކު ހުޅުމާލޭ ދާއިރާ އުވާލުމަށް ފަހު އޭގެ ބަދަލުގައި ހުޅުމާލޭ ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ ވެސް އިތުރުކޮށްފައިވެއެވެ.