މުހައްމަދު މަބްރޫކް އަޒީޒް

ކޭސް 21ގެ ގަޔަށް ކޮވިޑްއެރީ ޔޫރަޕުން އައިސް ކަރަންޓީނު ފުރިހަމަކުރި މީހާގެ ފުށުންނޫންކަން ވަނީ އެނގިފައި: މަބްރޫކް

އިބްރާހިމް ޒަކީ

މާލޭން ކޮވިޑް ޖެހުނު ފުރަތަމަ މީހާ، (ކޭސް 21) ގެ ގަޔަށް ކޮވިޑް އެރީ ޔޫރަޕުން އައިސް ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ދޫކޮށްލި މީހެއްގެ ފުށުން ކަމަށް ވާހަކަ ދެކެވޭ ކަމަށާއި އެހެން ނަމަވެސް އެކަން ހިނގާފައި ވަނީ އެހެން ނޫން ކަމަށް މިހާތަނަށް ބެލި ބެލުމުން ޔަގީން ކުރެވިފައިވާ ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، ބޭއްވި ނިއުސްކޮންފަރެންސްގައި ކޮވިޑް 19 އަށް މާލެއިން ޕޮޒިޓީވް މީހުންނާ ބެހޭގޮތުން މައުލޫމާތުދެއްވަމުން މަބުރޫކް ވިދާޅުވީ، ޔޫރަޕުން އައި ކަމަށްބުނާ ކުއްޖާއަކީ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ހަމަކޮށް ޑަބަލް ނެގެޓިވް ވެފައިވާ ކުއްޖެއް ކަމަށެވެ.

އެހެންކަމުން އެއީ ބަލިޖެހެން އޮތް ސޯސްއެއް ނޫން ކަަމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އެކުއްޖާއާ އެމީހުންނާ ދިމާވެފައިވާ ކަމަށެވެ.

"ޔޫރަޕުން އައިކަމަށް މިބުނާ ކުއްޖާއަކީ ކަރަންޓީން ފެސިލިޓީގައި 14 ދުވަސް ހަަމަކޮށްފައި ޑަބަލް ނެގެޓިވްވެގެން އައިސްފައިވާ ކުއްޖެއް. އެކުއްޖާއާ ދިމާވެފައި ހުރި ނަމަވެސް އެކުއްޖާ ޑަބަލް ނެގެޓިވް އެހެންވީމާ އެކުއްޖާއަކީ ސޯސްއެއް ނޫންކަމަށް މިވަގުތު އެސްޓެބްލެޝްވެފައި މިއޮތީ،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މާލޭން ކޮވިޑް 19 އަށް ޕޮޒިޓީވްވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ދަތުރުކޮށްފައިވާ ބައެއް ނޫން ކަމަށެވެ. ނަމަވެސް އެމީހުންނާ ކޮންޓެކްޓްވި ކީހުންގެ ތެރޭގައި ރާއްޖޭން ބޭރަށް ދިޔަ މީހަކު ހިމެނޭކަން އަދި ފާހަގަވެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި (ކޭސް 21) އަކީ، މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. ދެވަނަ އަށް ޕޮޒިޓިވްވީި (ކޭސް 22) އަކީ އޭނާގެ ތުއްތު ދަރިފުޅެވެ. ތިންވަނައަށް މާލޭން ޕޮޒިޓިވްވި މީހާ (ކޭސް 23) އަކީ ވެސް (ކޭސް 21) އާ ބައްދަލުވި މީހެކެވެ.