މުހައްމަދު މަބްރޫކް އަޒީޒް

ކޮވިޑަށް ޓެސްޓު ކުރެވޭ އިތުރު 20000 ކިޓު މި ހަފުތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު ލިބޭނެ: މަބްރޫކް

ކޮވިޑު 19 ހުރިތޯ ބެލުމަށް ޓެސްޓު ކުރުމަށް ބޭނުންވާ އިތުރު 20000 ކިޓު މި ހަފުތާގެ ފަހުކޮޅު ނުތަ އަންނަ ހަފުތާގެ ކުރީކޮޅު ލިބޭނެ ކަމަށް ކޮވިޑް 19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، މިހަފްތާ ނިމޭއިރު ނުވަތަ އަންނަ ހަފްތާގައި ޗައިނާއިން އިތުރު 10،000 ޓެސްޓު ކިޓް ރާއްޖެ ގެންނާނެ ކަމަށެވެ. އަދި އަލީބާބާގެ ފައުންޑަރު ޖެކް މާ ހަދިޔާކުރާ 10،000 ކިޓް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮވިޑް 19އަށް ޓެސްޓްކުރާ ކިޓުގެ ދަތިކަން ކުރިމަތިނުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން މިހާރުވެސް ކޮވިޑް 19އަށް ޓެސްޓުކުރާ 4000 އަށްވުރެ ގިނަ ޓެސްޓު ކިޓް އެބަހުރި ކަމަށާއި އޭގެ ތެރޭގައި 4220 ޕީސީއާރް ކިޓާއި 619 ލެއާގުޅޭ ޓެސްޓްހަދާ ކިޓް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް 19އަށް ކުރާ ޓެސްޓުތަކުގެ ނަތީޖާ ވެސް އެއް ދުވަހުން މިހާރު ލިބެމުންދާ ކަމަށެވެ. އަދި ޓެސްޓުކުރުމަށް މިހާރު އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ތިން މެޝިން ފުލްލޯޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ސާމްޕަލެއްގެ ނަތީޖާ ލިބެން 12 ގަޑިއިރާއި ހަ ގަޑިއިރު ހޭދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޓެސްޓް ހެދުމުގެ ވަސީލަތްތަކާއި ލެބޯޓްރިޝަނުންގެ ދަތިކަން ނެތްކަން އައިޖީއެމްއެޗުން ޔަގީންކަންދީފައިވާ ކަމަށެވެ.

އަތޮޅުތަކުގެ ތިން ސަރަހައްދުގައި ހުރި ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ޓެސްޓް ހެދޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާ މަބްރޫކު ވިދާޅުވީ، ޖީން އެކްސްޕާޓް މެޝިނުގައި ޓެސްޓްކުރާ ކިޓްތަކެއް ހޯދަމުން އަންނަ ކަމަށެވެ.