މުހައްމަދު މަބްރޫކް އަޒީޒް

ފިލިޕީންސުން އައި ބަޔަކާ އެޗްއައިއެޗުން ބައްދަލެއް ނުވާނެ، އެޗްއައިއެޗުގައި ފިލިޕީންސުން އައިމީހުން ނުތިބޭނެ: މަބްރޫކް

ފިލިޕީންސުން އައި ބަޔަކާ އެޗްއައިއެޗުންއެއްވެސް ބަޔަކާ ބައްދަލު ނުވާނެ ކަމަށާއި ފިލިޕީންސުން އައިމީހުން އެޗްއައިއެޗުގައި ބައިތިއްބާފައި ނުވާނެ ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބުރޫކް މިހެން ވިދާޅުވި އިރު، ފިލިޕީންސުން ރާއްޖެ އައި ބަޔަކާ އެޗްއައިއެޗުގައި ތިބި ބަޔަކާއި ބައްދަލުވި ކަމަށް ބުނެ ސޯޝިއަލް މީޑިއާގައި އަންނަނީ ވާހަކަދެކެވެމުންނެވެ. އަދި އެ ކަމުގައި ސިއްހީ ގޮތުން ނުރައްކާ ވެދާނެ ފަދަ ގޮތަކަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ. އެ ގޮތުން އެ ފިލިޕީންސް މީހުން އެޗްއައިއެޗުގައި ތިބި އިރު ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމަށާއި އޭގެ ފަހުން ވެސް އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު އޮތް ނޫސްވެރީން ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބުރޫކް ވިދާޅުވީ އެޗްއައިއެޗުން އެއްވެސް ބަޔަކަށް ފިލިޕީންސް ބަޔަކާ ބައްދަލުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް މަބުރޫކް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވަނީ ތިކަން ހިނގުމުގެ އެއްވެސް ފުރުސަތެއް ނެތް ވާހަކަ. އެއީ ފިލިޕީންސުން އައި ބަޔަކު އެއްވެސް އިރަކު އެޗްއައިއެޗުގައި ބައިތިއްބާފައި ވެސް ނުވާތީ." މަބުރޫކް ވިދާޅުވި އެވެ.

ކޮވިޑް 19 އާއި ގުޅިގެން، ވަރަށް ގިނަ ދޮގު މައުލޫމާތުތައް ސޯޝިއަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ފަތުރަމުންދާކަން ފާހަގަކުރައްވައި މަބުރޫކް މިއަދު ވިދާޅުވީ، މިފަދަ ކަންކަމުގައި ޒިންމާދާރު މީޑިއާތަކުން ދޭ މައުލޫމާތު ތަކަށް ރައްޔިތުން ބަރޯސާ ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮވިޑް 19 ޖެހިފައި ހުރި މީހަކު މާލެ ތެރޭން އިއްޔެ އަލަށް ފެނިފައިވާ އިރު، އޭނާއާ ސީދާ ބައްދަލުވި އިތުރު ދެ މީހުންނާ އެކު ފާއިތުވި 24 ގަޑި އިރު ތެރޭ މާލޭން ވަނީ ބަލި ޖެހުނު 3 މީހުން ފެނިފަ އެވެ. މީގެ ތެރޭގައި ކޭސް 21 ގެ ދެ އަހަރު ނުފުރޭ ދަރިފުޅުވެސް ހިމެނެ އެވެ.