ޚަބަރު

ޒިންމާދާރުކަމާއެކު މައުލޫމާތު ފޯރުކޮށްދޭ މީޑިއާތަކުގެ މައުލޫމާތަށް މިވަގުތު ރައްޔިތުން ބަރޯސާވުމަށް އެދިއްޖެ

އަލީ ޔާމިން

ކޮވިޑާއި ގުޅީގެން މިހާލަތުގައި ދޮގު މައުލޫމާތު ފެތުރުން އާންމު ވެފައިވާ ކަމަށާއި، ޒިންމާދާރުކަމާ އެކު މައުލޫމާތު ފޯރުކޮށްދޭ މީޑިއާތަކުގެ މައުލޫމާތަށް މި ވަގުތު ރައްޔިތުން ބަރޯސާވުން ވަރަށް މުހިންމު ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑް 19އާ ގުޅުވައިގެން ވަރަށް ގިނަ ދޮގު މައުލޫމާތު ދައުރުކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ ދޮގު މައުލޫމާތު އެބަ ފެތުރޭ. އަދި ޔަގީން ނުވެ ހުންނަ މައުލޫމާތު އެބަ ބޭރުވޭ. އަޅުގަނޑުމެން މިކަމުގައި ފުރަތަމަ ދުވަހު ބުނި ވާހަކައަކީ މައުލޫމާތެއް ސައްހަކަން ކަށަވަރުވުމާއެކީގައި އަޅުގަނޑުމެން މައުލޫމާތު އަންގާނަމޭ. ބައިގަޑިއިރު ފަހުން އެކަން ކޮށްފާނެ. 20 މިނެޓު ފަހުން އެކަން ކޮށްފާނެ،" މަބްރޫކް ވިދާޅިވިއެވެ.

މަބްރޫކް ވިދާޅުވީ، ފޭކް ޑޮކިއުމަންޓް އަދި އެތެރޭގެ ބައެއް ޑޮކިއުމެންޓްވެސް އާންމު ކުރަމުންދާ ކަމަށާއި، އެކަންކަން ދެނެގަތުމަށް މަސައްކަތް ކަމާބެހޭ އިދާރާތަކާ ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ސައްހަ ނޫން މައުލޫމާތު އާންމުވެފައިވާއިރު، ޒިންމާދާރުކަމާއެކު މައުލޫމާތު ފޯރުކޮށްދޭ މީޑިއާތަކަށް ރައްޔިތުން ބަރޯސާވާން ޖެހޭ ކަމަށާއި، މީޑިއާތަކުން ފޯރުކޮށްދޭ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކޮވިޑް 19ގެ ހާލަތުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށް އެއްބައިވަންތަކަން އިސްކޮށްގެން ކަމަށެވެ.