ކޮވިޑް 19 އާއި ގުޅިގެން ކަށަވަރު ނުވާ މައުލޫމާތު ފެތުރުން ހުއްޓަވައިލެއްވުން އެދި ވަޑައިގަންނަވާ ކަމަށާއި އަދި ބަލި މީހާގެ މައުލޫމާތު އާންމުކުރުމަކީ ގާނޫނީ ކުށެއްކަން ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ރައްޔިތުންނަށް ހަނދާންކޮށްދެއްވައިފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19 އަށް މާލެއިން ޕޮޒިޓިވްވި މީހުންނާގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މަބުރޫކް ވިދާޅުވީ، ކޮވިޑް 19އަށް މާލޭން ޕޮޒިޓީވްވި އަންހެން މީހާ ކަމަށް ބުނެ ތިން މީހެއްގެ ފޮޓޯ، ސޯޝަލް މީޑިއާ އާއި ވައިބާ ގްރޫޕުތަކުގައި ދައުރު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އޭގެ ބަދަލުގައި އެމައުލޫމާތުތައް ލިބިފައިވާ މީހުން އެންއީއޯސީގެ އީމެއިލް އެޑްރެހަށް އެ މައުލޫމާތު މެއިލްކޮށްދެއްވުމަށް މަބްރޫކު އެދިވަޑައިގަތެވެ.
"ވައިބާ ގްރޫޕުތަކުގައި ޕޮސިޓިވްވި މީހާއޭބުނެ ތިން މީހެއްގެ ފޮޓޯއެއް އެބަ ދައުރުވޭ، އަދި މީމިވެނި މީހެކޭ އެވެނި މީހެކޭ، އެމީހާ އެވެނި މީހަކާ ދިމާވިއޭ މިވެނިތަނަކުން އައި މީހަކާ ވާހަކަދެއްކިއޭ ކިޔައިގެން އެމީހަކަށް ހީކުރެވޭ ވާހަކަތަކެއް ސޯޝަލް މީޑިއާގައި އެބަ ދައުރުކުރޭ، ތިބޭފުޅުންނަށް މި މައުލޫމާތު އެނގޭކަމަށްވާނަމަ އަޅުގަނޑުގެ އެދުމަކީ، އެންއީއޯސީގެ އީމެއިލް އެޑްރެހަށް މެއިލްކޮށްލަ ދެއްވުން،" މަބްރޫކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެފަދަ ކަންކަމާގުޅޭ ގޮތުން ކަށަވަރު ނުވާ މައުލޫމާތުތައް އާމުންގެ ތެރޭގައި ދައުރުކުރުވުމުން އުފެދޭ ބިރު ވެރިކަމުގެ އިތުރުން، އެކަމުގެ ސަބަބުން ކަމާނުގުޅޭ މީހުންނަށް ތަހައްމަލްކުރަންޖެހޭ އުނދަގޫތައް ވެސް ވަަރަށް ބޮޑު ކަމަށެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ބަލި މީހެއްކަމުގައިވިޔަސް އަދި ބައްޔަށް ފަރުވާދޭ މީހާ ކަމަށްވިޔަސް މީހެއްގެ ޒާތީ މައުލޫމާތު އެގޮތަށް އާއްމުކޮށް ހާމަކުރަމަކީ ގާނޫނީ ކުށެއްކަން މަބްރޫކު ހަނދާންކޮށްދެއްވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ހަރުކަށީ ގާނޫނީ ފިޔަަވަޅު އަޅާނެ ކަމަށެވެ.