މުހައްމަދު މަބްރޫކް އަޒީޒް

ކޮވިޑް 19 : ކޭސް 23 އަށް ބަލި ޖެހުނީ ކޭސް 21ގެ ފަރާތުން ކަމަށް ބުނާކަށް އަދި ނޭނގެ: މަބްރޫކް

މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި އަންހެން މީހާ (ކޭސް 21) އާއި ސީދާ ބައްދަލުވެފައިވާ ތިންވަނައަށް ޕޮޒިޓިވްވި މީހާ (ކޭސް 23) އަށް ބަލި ޖެހުނީ ކޭސް 21ގެ ފަރާތުން ކަމަށް ބުނާކަށް އަދި ނޭނގޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނެފައިވަނީ ކޮވިޑް 19އަށް މާލެއިން ފުރަތަމަ ޕޮޒިޓީވްވި، ކޭސް 21 އާއި ދެވަނައަށް ޕޮޒިޓިވްވި ކޭސް 22 އަކީ ދެމައިން ކަމަށެވެ. އަދި މާލެއިން ތިން ވަނަ އަށް ޕޮޒިޓިވްވި ކޭސް 23 އަކީ ކޭސް 21 އަދި 22އާ ސީދާ ދިމާވެފައިވާ މީހެއް ކަމަށް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން ކޭސް 21 އަކީ މިފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި މީހެއް ނޫން ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތް ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.

އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ކޭސް 21ގެ ގަޔަށް ބަލި އެރީ ކޭސް 23ގެ ގައިން ކަމެއް ނުވަތަ ކޭސް 23ގެ ގަޔަށް ބަލިއެރީ ކޭސް 21ގެ ގައިން ކަމެއް ޔަގީންކޮށް އަދި ބުނެވެން ނެތް ކަމަށެވެ. ނަމަވެސް އެ ތިން ކޭސްއާ ގުޅިގެން ވެސް ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކޭސް އެކެއް އަދި ދޭކާ ކޮންޓެކްޓްވި 207 މީހުން މިހާތަނަށް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން 75 މީހުންނަކީ ހައި ރިސްކް މީހުން ކަމަށާއި 43 މީހުންނަކީ މީޑިއަމް ރިސްކު މީހުންނެވެ އަދި ލޯ ރިސްކް މީހުންގެ ގޮތުގައި 89 މީހަކު ވަނީ ފާހަގަކުރެވިފައެވެ.

ކޭސް 23 އަށް ކޮންޓެކްޓު ވެފައިވާ 35 މީހަކު ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ހައި ރިސްކު ހަތް މީހުންނާއި މީޑިއަމް ރިސްކުގެ 28 މީހުން ހިމެނެއެވެ. އަދި މިހާރު ކަންތައްދާ ގޮތަށް ބަލައި އެ އަދަދުތައް ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަަށް މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މީހުންގެ ތެރެއިން ހައި ރިސްކު މީހުންނާއި މީޑިއަމް ރިސްކު މީހުންނާމެދު އަމަލު ކުރަނީ އެއްގޮތަށް ކަމަށެވެ. އެގޮތުން އެ ދެބައި މީހުން ވެސް ކަރަންޓީން ކުރާނެ ކަަމަށާއި އަދި އޭގެ ތެރެއިން ރޯގާގެ އަލާމަތް ފެންނަ މީހުން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ޓެގު ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް 19އަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ އާއި ކޮންޓެކްޓްވި މީހުންގެ އަދަދަކީ ބަލި ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި ވެސް ކޮންޓެކްޓު ވެދާނެ ކަމަށް އުންމީދު ވެސް ކޮށްފައިނުވާ އަދަދެއް ކަމަށެވެ.

އެހެންނަމަވެސް ތަކުރާރުކޮށް ދެމުންދިޔަ އިރުޝާދުތަކާއި ނަސޭހަތްތަކުގެ އަޑު ނޭހުމުގެ ސަބަބުން ކޮވިޑް 19ގެ އެންމެ ކޭހެއްގެ ސަބަބުން މުޅި މުޖުތަމައަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.