މުހައްމަދު މަބްރޫކް އަޒީޒް

ކޮވިޑް 19 : މާލޭން ކޮވިޑް ޖެހިފައިވަނިކޮށް ފެނުނު ތިން މީހުން މިހާރު ތިބީ ފަރުކޮޅުފުށީގައި: މަބްރޫކް

މާލޭން ކޮވިޑް ޖެހިފައިވަނިކޮށް ފެނުނު ތިން މީހުން މިހާރު ތިބީ ފަރުކޮޅުފުށީގައި ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މަބުރޫކް މިހެން ވިދާޅުވީ ކޮވިޑް 19 ގެ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުގައި ވާހަކަދައްކަވަމުންނެވެ.

މި ތިން މީހުންގެ ތެރޭގައި ހިމެނެނީ، ކޮވިޑް ޖެހިފައި ވަނިކޮށް މާލެތެރޭން ފެނުނު ފުރަތަމަ މީހާ (ކޭސް 21) އާއި އެ އަންހެން މީހާގެ ދެ އަހަރު ނުފުރޭ ދަރިފުޅު (ކޭސް 22) އާއި ކޭސް 21 އާ ސީދާ ބައްދަލުވި މީހެއް ކަމަށްވާ ކޭސް 23 އެވެ.

މަބްރޫކް ވިދާޅުވީ، މާލޭން ފެނުނު ފުރަތަމަ މީހާ (ކޭސް 21) އާއީ ސީދާ ބައްދަލުވި މީހުންގެ އަދަދުވެސް 200 އަށްވުރެ މައްޗަށް އަރާކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާއި އަދި ވެސް އަ އަދަދު އިތުރުވަމުން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ކޮވިޑް 19 ޖެހިފައި ހުރި މީހަކު މާލެ ތެރޭން އިއްޔެ އަލަށް ފެނިފައިވާ އިރު، އޭނާއާ ސީދާ ބައްދަލުވި އިތުރު ދެ މީހުންނާ އެކު ފާއިތުވި 24 ގަޑި އިރު ތެރޭ މާލޭން ވަނީ ބަލި ޖެހުނު 3 މީހުން ފެނިފަ އެވެ. މީގެ ތެރޭގައި ކޭސް 21 ގެ ދެ އަހަރު ނުފުރޭ ދަރިފުޅުވެސް ހިމެނެ އެވެ.

ކޮވިޑް 19 މާލެތެރޭން ފެނުމާއި ގުޅިގެން، މާލޭ ސަރަހައްދު މި ވަގުތު ވަނީ ލޮކްޑައުން ކޮށްފަ އެވެ. ލޮކްޑައުންގެ ވަގުތުގައި ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ. މި ހާލަތުގައި އުނދަގޫ ކަންތައްތަކެއް ހުންނާނެ ކަން ފާހަގަކުރައްވައި، މަބުރޫކް މިއަދު ވިދާޅުވީ އެހެން ނަމަވެސް އެންމެ މުހިންމީ ސިއްހަތު ކަމަށާއި ކެތްތެރިކަން އިސްކުރައްވައި އެއްބާރުލުން ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.