އިބްރާހިމް ޒަކީ
މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި އަންހެން މީހާ (ކޭސް 21) ގެ ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް ކުރަމުން އަންނައިރު 75 ހައިރިސްކު މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ބެހޭ އެންމެ ފަހުގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ކޮވިޑް 19 އާ ގުޅޭ މައުލުމާތު ހާމަކުރުމަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް 19 އަށް މާލޭން ޕޮޒިޓީވްވި މީހާ (ކޭސް 21) އާއި ދެވަނައަށް ފެނުނު (ކޭސް 22) އަކީ ދެމައިން ކަމަށެވެ. އަދި އެއީ ކޭސް 21ގެ ތުއްތު ދަރިފުޅުކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް މާލޭން ޕޮޒިޓިވްވި ތިންވަން މީހާ (ކޭސް 23) އަކީ ކޭސް 21 އާއި 22 އާ ޑައިރެކްޓް ކޮންޓެކްޓުވި މީހެއް ކަމަށެވެ.
ނަމަވެސް ކޭސް 21 ގެ ގަޔަށް ބަލި އެރީ ކޭސް 23 ގެ ގައިންކަމެއް ނުވަތަ ކޭސް 23 ގެ ގަޔަށް ބަލިއެރީ ކޭސް 21 ގެ ގައިންކަަމެއް ޔަގީންކޮށް ބުނެވެންނެތް ކަަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، އެ ފަރާތްތަކުުގެ ކޮންޓެކްޓް ޓްރޭސިން ހެދުުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
މާލޭން ފެނުނު ފުރަތަމަ ކޭސް އާއި ދެވަނަ ކޭސްއާ ކޮންޓެކްޓްވި 207 މީހުން މިހާތަނަށް ފާހަގަވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން 75 މީހުންނަކީ ހައިރިސްކް މީހުން ކަމަށާއި 43 މީހުންނަކީ މީޑިއަމް ރިސްކު މީހުން ކަމަށާއި ލޯ ރިސްކް މީހުންގެ ގޮތުގައި 89 މީހަކު ފާހަގަކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، މާލޭން ކޮވިޑް 19އަށް ޕޮޒިޓިވްވި ތިންވަނަ މީހާ (ކޭސް 23) އަށް ކޮންޓެކްޓްވެގެން މިހާތަނާށް 35 މީހުން ޓެސްޓްކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހައިރިސްކު ހަތް މީހުންނާއި މީޑިއަމްރިސްކް 28 މީހުން ހިމެނޭ ކަމަށެވެ. އަދި މިހާރު ކަންތައްދާގޮތަށް ބަލައި އެ އަދަދުތައް ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބުރޫކް ވިދާޅުވީ މި މީހުންގެ ތެރެއިން ހައި ރިސްކު މީހުންނާއި މީޑިއަމްރިސްކު މީހުުންނާމެދު އަމަލު ކުރަނީ އެއްގޮތަށް ކަމަށެވެ.
އެހެންކަމުން އެ ދެބައިމީހުންވެސް ކަރަންޓީން ކޮށްފައިވާ ކަަމަށާއި، އޭގެ ތެރެއިން ރޯގާގެ އަލާމަތް ފެންނަ މީހުން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ކޮވިޑް 19 އަށް ޕޮސިޓިވްވި މީހުން މިހާރު ތިބީ ފަރުކޮޅުފުށީގައި ކަމަށެވެ.
ކޮވިޑް 19 އަށް ޕޮސިޓިވްވެގެން ފަސް މީހުންނަށް ރާއްޖޭގައި ފަރުވާދެމުން އަންނަ އިރު، އޭގެ ތެރެއިން މާލޭން ޕޮޒިޓިވްވި ތިން މީހުންގެ އިތުރުން ދެން ތިބި ދެމީހުންނަކީ ރާއްޖޭން ބޭރުން އައި ދެ ދިވެހިންނެވެ.
ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވްވި 16 މީހަކު ފަރުވާ ހޯދައިގެން މިހާތަނަށް ވަނީ ރަނގަޅުވެފައެވެ.