ހދ. ހަނިމާދޫގެ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތަށް އަގު ނުނެގުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ހަނިމާދޫ ކައުސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ގޭބިސީތަކުން ކުނި އުކާލުމަށް ނަގަމުން އަންނަ ފީ މިމަހުގެ އިތުރުން ކުރިއަށް އޮތް ދެ މަސް ދުވަހު ނުނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމަކީ ކޮވިޑް 19ގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ އިގުތިސާދީ ހީނަރުކަމުގެ އިތުރުން ރޯދަ މަހު އާންމު ދިރިއުޅުމުގެ ހަރަދު ބޮޑުވާނެތީ ނިންމި ނިންމުމެއް ކަމަށް ވެސް އިއުލާނުގައިވެއެވެ.
ނަމަވެސް ހަނިމާދޫގެ ފިހާރަތަކާއި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކާ ސަރުކާރުގެ އިދާރާތަކާ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި އުކާލުމަށް ފީ ނަގާނެ ކަމަށާއި އެ ފީ ދައްކަން ޖެހޭނީ ކައުންސިލް އިދާރާއަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ ވިދާޅުވީ ކައުންސިލުން ކުނި ނެގުމަށް ޖުމުލަ 371 ގޭބިސީއަކުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި މީގެން ކޮންމެ ގޭބިސީއަކުން ކުނި އުކާލުމުގެ ފީއެއްގެ ގޮތުގައި ނަގަނީ މަހަކު 150 ރުފިޔާ ކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރު އިދާރާތަކާއި، ސްކޫލް އަދި ސިއްހީ މަރުކަޒުން ފީ ނަގަނީ 150 އާއި 300 އާއި ދެމެދުގެ އަގެއްގައި ކަމަށް އަބްދުއްސަމަދު ވިދާޅުވިއެވެ. އެގޮތުން 150 ނަގަނީ އެއް ޑަސްބިން ބަހައްޓާފައި ހުންނަ ތަންތަނުން ކަމަށާއި ދެ ޑަސްބިން ބަހައްޓާފައި ހުންނަ ތަންތަނުން ނަގަނީ 300ގެ ފީއެއް ކަމަށް އަބްދުއްސަމަދު ވިދާޅުވިއެވެ.