އިބްރާހިމް ޒަކީ
ޖުޑިޝަލް ސާވިސް ކޮމިޝް (ޖޭއެސްސީ)އަށް ދޮގު މައުލޫމާތު ދީފައިވާތީ، ފަނޑިޔާރު ހަސަން ނަޖީބު ސަސްޕެންޑުކޮށް މައްސަލަ ތަހުގީގުކުރަން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ، އެކޮމިޝަންގެ މިއަހަރުގެ 30 ވަނަ ބައްދަލުވުން، އޯޑިއޯ ވީޑިއޯ ކޮންފަރެންސް ބޭނުންކޮށްގެން އިއްޔެ ބާއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމާ ބެހޭގޮތުން ކޮމިޝަނުން މިއަދު ނެރުުނު ބަޔާނެއްގައި ބުނެފައިވަނީ ކޮމިޝަންގެ އަށް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ދެހާސް ތޭރަވަނަ އަހަރުން ފެށިގެން ގާޒީ ހަސަން ނަޖީބު ޖޭއެސްސީއަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާކަން ސާބިތު ވެފައިވާތީ، ގާޒީގެ އެ އަމަލަކީ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފއިވާ އަމަލުތަކެއް ކަމަށްވާތީ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނުނުގެ ދަށުން ގާޒީ ހަސަން ނަޖީބު މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން ތިންމަސްދުވަހަށް މަނާކުރުމަށް މި ބައްދަލުވުމުގައި، އޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގާޒީ ހަސަން ނަޖީބު ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތުދީފައިވާ އެ މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޖޭއެސްސީން ހިންގާ ތަހުގީގުތައް އޯޑިއޯ އަދި ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިއުމަށްޓަކައި އުސޫލެއް އެކުލަވާލައި، ތަހުގީގުތައް ފެށުމަށްވެސް އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން މީގެ ކުރިން ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާބެހޭގޮތުން ހުށަހެޅިފައިވާ ހަތް މައްސަލައެއް ބަަލަމުން އަންނަ ކަމަށެވެ.