އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި، ކުނި އުކާލުުމުގެ ހިދުމަތް ފަސޭހައިން ހޯދުމަށް ވިޔަފާރިކުރާ ހުރިހާ ތަންތަން ވެމްކޯގައި ރަޖިސްޓްރީ ކުރުމަށް އެ ކުންފުނިން އެދެފިއެވެ.
މިދަނޑިވަޅުގައި ވެމްކޯގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތްތަކާގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިއަދު ވިދާޅުވީ، މިހާރު މިއޮތް ހާލަތުގައި ކުނިއުކާލެވޭ ތަނަކަށް މިއޮތީ ވެމްކޯ ކަމަށެވެ.
ނަމަވެސް ކޮމާޝަލް ތަންތަނުގެ ގޮތުގައި ހިމެނޭ ކެފޭ/ ރެސްޓޯރެންޓާއި އޮފީސްތަކާއި އަދި އެހެން ތަންތަނުގެ ގޮތުގައި 10،000 އަށްވުރެ ގިނަ ތަންތަން ކަމާބެހޭ ފަރާތްކުގައި ރަޖިސްޓްރީ ކޮށްފައިވާއިރު، ކުނިއުކާލުމަށް ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވަނީ އެންމެ 1200 ވަރަކަށް ފަރާތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިދުވަސްވަރު ފަސޭހައިން ކުނި އުކާލުމުގެ ހިދުމަތް ހޯދުމަށް، ހުރިހާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީ ކުރުމަކީ މުހިއްމު ކަމެއް ކަމަށް އާދަމް މުހައްމަދު ވިދާޅުވިއެވެ.
"މިވަގުތު ރަޖިސްޓަރީ ކުރުމަކީ ވަރަށް ފަސޭހަވެގެންދާނެ ކަމެއް، އޭރުން އަޅުގަނޑުމެންނަށް އެނގޭނެ ކޮން ބަޔަކަށް ކޮން ކަހަލަ ހިދުމަތްތަކެއްކަން ފޯރުކޮށްދެން ބޭނުންވަނީ،" އޭނާ ވިދާޅުވިއެވެ.
އެމްޑީ އާދަމް އިތުރަށް ވިދާޅުވީ، މިދުވަސްވަރު ގޭބިސީތަކުގެ ކުނިނެގުން ކޮންމެ ދުވަހެއްގެ 12:00 އިން 2:00 އަށް ކުރިއަށްދާއިރު، ކޮމާޝަލް ތަންތަނުގެ ކުނި އުކާލުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 1:00 އަށް ކަމަށެވެ.