އިބްރާހިމް ޒަކީ
މާލެ ސަރަަހައްދަށް ލޮކްޑައުންގެ ހާލަތު އިއުލާންކުރުމުން ހުއްޓާލި، ވެމްކޯގެ ކުނިއުކާލުމުގެ ހިދުމަތް މިއަދު ފަށާއިރު، ކަރަންޓީނަށް ލާފައިހުރި ގޭގޭގެ ކުނި ބޭރަށް ނުނެރުމަށާއި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއެކު އެތަކެތި އުކާލަދިނުމުގެ ހިދުމަތް ދޭނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.
މާލޭ ލޮކްޑައުން ކުރުމުން ހުއްޓާލި ވެމްކޯގެ ކުނިއުކުމުގެ ހިދުމަށް މިއަދު އަލުން ފަށައިގެން ކުރިއަށް ގެންދާގޮތާގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ، މިއަދުން ފެށިގެން ގޭބިސީތަކުގެ ކުނި އެ ގޭގޭގެ ބޭރަށް ނެރުމުން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 2:00 ކުނިތައް އުކާލަދިނުމުގެ ހިދުމަތް ދޭނެ ކަމަށެވެ.
ވެމްކޯގެ އޮޕަރޭޝަން މެނޭޖަރު ޝާން ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ކަރަންޓީނުކޮށްފައިވާ ނުވަތަ އައިސޮލޭޝަނަށް ގެންގޮސްފައިވާ ތަންތަނުގެ ކުނިއުކުން ހަމަޖައްސާފައިވަނީ ތަފާތު ގޮތަކަށް ކަމަށެވެ.
އެގޮތުން އެފަދަ ގޭގޭގެ ކުނި އުކާލުމުގެ ކަންތައް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ، އެކަމަށް ހާއްސަ ޓީމަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ގޭގެއިން ބޭރަށް ކުނި ނެރެން ނުޖެހޭނެ ކަމަށާއި ކަމާބެހޭ ޓީމުން އެ ގޭގެއަށް ގޮސް ރައްކާތެރިކަމާއެކު ކުނި ނަގައި އުކާލުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަަމަށް ޝާން ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ހިދުމަތް ދިނުމަށް ވެމްކޯގެ ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުން ވެސް ވެމްކޯއިން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކޮށް، ރައްކާތެރިކަމާއެކު ކުނި ނެރުމަށް އޭނާ އެދުނެވެ.