ޚަބަރު

މިހާލަތުގައި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގެ ކަންކަން ވަނީ ހަމަޖައްސާފައި: ޑރ. އަސީލް

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާއި ގުޅިގެން މާލެއަށް ރަތް އެލާޓު ނެރެފައިވާ ހާލަތުގައި މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ގޮތްތަކެއް ރާވައިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. އަސީލް ޖަލީލް ވިދާޅުވީ އޭޕްރީލް އަދި ޖޫން މަހު އައިޖީއެމްއެޗްގައި ވިހަން ނަން ނޯޓު ކޮށްފައި ތިބި މީހުންގެ މައުލޫމާތު މިހާރު ހޯދާފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ އިމަޖެންސީ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމުގެ ޔަގީންކަން ވެސް އަސީލް ވަނީ ދެއްވައިފަ އެވެ.

މީގެ އިތުރުން، އެޕޮއިންޓްމަންޓް ހައްދާފައި ތިބި މާބަނޑު މީހުންނަށް ފޯނުން ގުޅައިގެން އެޕޮއިންޓްމަންޓް ކުރިއަށް ގެންދަން ވެސް އައިޖީއެމްއެޗުން ވަނީ ނިންމައިފަ އެވެ. މާބަނޑު އަންހެނުން ހޮސްޕިޓަލަށް ވެއްދުމުގައި ވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ޑރ. އަސީލް ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ވަނީ އެތަނުން ދެމުން އައި ބައެއް ހިދުމަތްތައް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހަށް މެދު ކަނޑާލައިފައެވެ. އެގޮތުން ސްޕެޝަލިސްޓް އޯޕީޑީއާއި އެހެނިހެން ކްލިނިކްތައް މި ދެ ދުވަހު ބަންދުވާނެ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.