ޚަބަރު

ބޯހިޔާވަހިކަން ނެތި މަގުމަތީގައި ތިބި 24 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

އައިދާ އަބްދުލް ހަކީމް

ބޯހިޔާ ވަހިކަން ނެތި މަގުމަތީގައި ތިބި 24 މީހަކަށް ސަރުކާރުން ކާނާ އާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އަދި ރެޑްކްރެސެންޓުގެ އެހީތެރިކަމާއިއެކު މިކަންކަން ކުރިޔަށް ގެންގޮސްދީފައި ވާތީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ޝުކުރު އަދާކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނީ މާލޭގައި މަގުމަތިވެފައިވާ މީހުންނަށް މާފަންނު ޕޮލިސް ސްޓޭޝަންގެ އޮފިސަރުން ވަނީ ސަރުކާރުން ހަމަޖައްސައިދީފައިވާ ކާބޯތަކެތި ފޯރުކޮށްދީފައި ކަމަށެވެ.

ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިހާރު 23 އަށް އަރައިފައިވާ އިރު އިއްޔެ ވަނީ މިބައްޔަށް 3 މީހުން ޕޮޒިޓިވް ވެފައެވެ. މި ތިން މީހުންވެސް ފެނިފައިވަނީ މާލެ ތެރެއިންނެވެ. އޭގެ ތެރޭގައި 2 އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ރެޑް އެލާޑް އިއުލާންކޮށް، 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ.

ކޮވިޑް 19 އާއި ގުޅިގެން އިއްޔެ 15:30 އިން ފެށިގެން 24 ގަޑި އިރަށް ލޮކްޑައުން ކޮށްފައިވާ އިރު ވަގުތު އިތުރު ކުރުމާއި ގުޅޭގޮތުން މިއަދު ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރާއްޖޭގައި މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.