ޚަބަރު

އިގްތިސޯދަށާއި ސިއްހީ ނުރައްކަލަށް އެހީތެރިކަންހޯދުމަށް ރާއްޖޭން ޔޫއެންޑީޕީއަށް ޕްރޮޕޯސަލެއް ހުށަހަޅަނީ

އަލީ ޔާމިން

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމާއި، ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް އެހީތެރިކަން ހޯދުމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އަށް ރާއްޖޭން ޕްރޮޕޯސަލެއް ހުށަހަޅަން ނިންމައިފިއެވެ.

ކޮވިޑް 19އާއި ގުޅިގެން އެހީ ހޯދުމަށް ރާއްޖެއިން ޔޫއެންޑީޕީއަށް ޕްރޮޕޯސަލެއް ހުށަހަޅާނެކަން އިއުލާނުކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އަންޑާ ސެކްރެޓަރީ އަދި ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރު، އާޗިން ސްޓެއިނާއާ އިއްޔެ ހަވީރު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގައެވެ.

އެގޮތުން މިނިސްޓަރު ޝާހިދުވަނީ ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތައް ތަފްސީލުކޮށް ވިދާޅުވެދެއްވައިފައެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެއް ކަމަށާއި، ކޮވިޑް 19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓިފައިވާކަން މިިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް 19އާއި ދެކޮޅަށް ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައްޔަށް ޕޮޒިޓިވް ވާ މީހުން މަދު ކުރެވިފައިވާ ކަމަށާއި ނަމަވެސް އިއްޔެ މާލެއިން ޕޮޒިޓިވް ކޭހެއް ފެނި ކޮމިޔުނިޓީ ސްޕްރެޑެއްގެ ގޮތުގައި ސިފަކުރަމުންދާއިރު ބައިނަލްއަގުވާމީ އެހީ ރާއްޖެއަށް އިންތިހާއަށް ބޭނުންވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކޮވިޑް 19ގެ ސަބަބުން ގެއްލުންވެފައިވާ ގައުމުތަކަށް އެހީވުމަށް އޫއެންޑީޕީން ހުޅުވާލައިފައިވާ "ޔޫއެންޑީޕީސް ކޮވިޑް 19 އިންޓެގްރޭޓެޑް ރެސްޕޮންސް އޮފާ" އަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި އެ އެހީ ހޯދުމަށް ވަރަށް އަވަހަށް ޕްރޮޕޯސަން ހުށަހަޅާނެ ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ޔޫއެންޑީޕީން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމާއި އދ. އިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.