ޚަބަރު

ޖަޕާން ސަރުކާރުން ހަދިޔާކުރި އަލިފާން ނިއްވާ ވެހިކަލްތައް އެމްއެންޑީއެފްއާ ހަވާލުކޮށްފި

މުހައްމަދު އައުޒަމް

ޖަޕާން ސަރުކާރުން ހަދިޔާކުރި އަލިފާން ނިއްވާ ވެހިކަލްތައް އެމްއެންޑީއެފްއާ ހަވާލުކޮށްފިއެވެ.

ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ހަފްލާގައި ޖަޕާން ސަރުކާރުގެ ފަރާތުން ވަނީ އަލިފާން ނިއްވާ 13 ވެހިކަލެއް ހަދިޔާކޮށްފައެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރުގެ އެޑްވައިޒަރު ކެންޓާރޯ ސޮނޮއުރާ ވިދާޅުވީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އަށް ޑިޒާސްޓަރ ޕްރިވެންޓް އިކުއިޕްމަންޓުގެ ގޮތުގައި ހަދިޔާކުރެވުނު ވެހިކަލްތަކާއި ސާމާނުތަކުގެ ޖުމްލަ އަގު އެއްބިލިޔަން ޔެން އަށް އަރާ ކަމަށެވެ. އަދި ޖަޕާން ސަރުކާރުން މިއަދު ހަދިޔާކުރެވުނު ވެހިކަލްތަކާއި ސާމާނުތަކުގެ ސަބަބުން ފުރާނަ އާއި މުދާ ސަލާމަތްކުރުމަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ކެންޓާރޯ ސޮނޮއުރާ އިތުރަށް ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުގެ އިސް ފަރާތްތަކާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެ މަޝްވަރާގެ ސަބަބުން އިތުރު ދާއިރާތަކުން ވެސް ރާއްޖެއަށް އެހީތެރިކަންދެވި ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ޖަޕާން ސަރުކާރުން ދިވެހި ރައްޔިތުންނަށް ޒަމާނުއްސުރެ ދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރައްވައި ވަނީ އެކަމަށް ޝުކުރު ދަންނަވައިފައެވެ. އަދި މިއަދު މި ހަވާލު ކުރެވުނު ވެހިކަލްތައް ދާދި ފަހުން ހިނގި އަލިފާނުގެ ހާދިސާއެއްގައި އަމަލީ ގޮތުން ބޭނުން ކުރެވިގެން ދިޔަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މާރިޔާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެ މަތިން ޖަޕާނުން ހަދިޔާކުރި އަލިފާން ނިއްވާ ވެހިކަލްތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި ވަނީ އަލިފާން ނިއްވާ ވެހިކަލްތަކުގެ ބޭނުން ކުރެވިގެން ދާނެގޮތް ދައްކާލައިފައެވެ. އަދި ވެހިކަލްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ.

ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފަޔަރ އެންޑް ރެސްކިއުގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ މިހާރު ބޭނުންކުރާ ވެހިކަލްތަކާ ހިލާފަށް މިހާރު ލިބިފައިވާ ވެހިކަލްތަކުގައި އިންބިލްޑް އާލާތްތައް ހަރުކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި މަސައްކަތް އަވަސްވެ ހިދުމަތް ފަސޭހަވެގެން ދާނެ ކަމަށެވެ.

ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ ރާއްޖޭގައި ފަޔަރ ސްޓޭޝަން ގާއިމް ކުރެވިފައިވާ ހުރިހާ ރަށަކަށް މި ވެހިކަލްތައް ވަރަށް އަވަހަށް ފޮނުވާލެވޭނެ ކަމަށެވެ.

ވެހިކަލްތައް އެމްއެންޑީއެފްއާ ހަވާލުކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޖަޕާނުގެ ބޮޑުވަޒީރުގެ އެޑްވައިޒަރު ކެންޓާރޯ ސޮނޮއުރާ އަދި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ކަޒުމީ އެންޑޯގެ އިތުރުން ދެ ގައުމުގެ ފޮރިންގ އިސްބޭފުޅުންނާއި އެމްއެންޑީއެފްގެ އިސް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.