ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އުފައްދާފައިވާ ޕޮލިސީ ޓާސްކް ފޯސްއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުވުމެއް ބާއްވަވައިފިއެވެ.
އޮންލައިންކޮށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ކޮވިޑް 19ގެ މިހާރުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ކޮވިޑް 19ގެ ޓާސްކް ފޯސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުންވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ހަރަކާތްތެރިވަމުން އަންނަ އެތައް ބޭފުޅުންނެއް ހިމެނިވަޑައިގަންނަވައެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އުފައްދާފައިވާ ޕޮލިސީ ޓާސްކް ފޯސްއާ ރައީސް ބައްދަލުވުމެއް ބޭއްވެވި އިރު، މިއަދު މާލެއިން ވަނީ ކޮވިޑް 19އަށް ދެ ދިވެއްސަކު ޕޮޮޒިޓިވްވެފައެވެ. އެއީ މިއަދު ހެނދުނު ބައްޔަށް ޕޮޒިޓިވްވި ދިވެހި އަންހެން މީހާއާއި މިރޭ ބައްޔަށް ޕޮޒިޓިވްވި އޭނާގެ ދެ އަހަރު ނުވާ ކުޑަ ދަރިފުޅެވެ.
ކޮވިޑް 19އަށް މާލެއިން ދެ ދިވެހިން ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރެޑް އެލާޓް މާލެއަށް ނެރެފައެވެ. އަދި 24 ގަޑިއިރަށް މާލެ ވަނީ ލޮކްޑައުންކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް 22 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.