ޚަބަރު

ހދ. ނައިވާދުއަށް މާލޭ ސަރަހައްދުން ދަތުރުކުރި އެންމެން ހޯމް އައިސޮލޭޝަންގައި ތިބުމަށް އަންގައިފި

އައިދާ އަބްދުލް ހަކީމް

މާލެއިން ކޮވިޑަށް މިދިޔަ 24 ގަޑިއިރު ތެރޭގައި، ތިން މީހަކު ޕޮޒިޓިވްވެފައިވާ އިރު، ހދ. ނައިވާދުއަށް މާލޭ ސަރަހައްދުން

އިއްޔެ ދަތުރުކުރި އެންމެން ހޯމް އައިސޮލޭޝަންގައި 14 ދުވަހު ތިބުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ނައިވާދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެއިން ފެށިގެން މާލެ، ހުޅުމާލެ، އަދި ވިލިމާލެއިން އެރަށަށް ދަތުރުކުރި ހުރިހާ މީހުން ހޯމް އައިސޮލޭޝަންގައި 14 ދުވަހު މަޑުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި 14 ދުވަސް ހަމަވުމުން އެރަށުގައި ހަރަކާތްތެރިވާ ކޮވިޑް 19ގެ ޓާސްކް ފޯސްގެ މެންބަރުން އަންގާ ގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން އެރަށަށް އެކިއެކި ރަށްރަށުން އަރައި ފައިބާ މީހުން އެ ރަށަށް އަރައި ފޭބުމުގެ ކުރިން ޓާސްކް ފޯސްގެ މެންބަރުންނަށް މައުލޫމާތު ހިއްސާކޮށް، އެބޭފުޅުންގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

ނައިވާދޫ ކައުންސިލުން ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތަކަށް ބޯލެނބުމުގެ އިތުރުން އިޖުތުމާއީ ގައިދުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ގެތަކުން މީހުން ނުނިކުތުމަށްވެސް އިލްތިމާސްކޮށްފައެވެ.

މާލެއިން ކޮވިޑް 19އަށް ތިން ދިވެއްސަކު ޕޮޒިޓިވް ވެފައިވާއިރު، ފުރަތަމަ މީހާ ޕޮޒިޓިވްވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ދެވަނައަށް ޕޮޒިޓިވްވެފައިވަނީ ބައްޔަށް ހެނދުނު ޕޮޒިޓިވްވި އަންހެން މީހާގެ ދެ އަހަރު ނުވާ ދަރިފުޅުކަން "ވަން"އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މާލެއިން ތިން ދިވެއްސަކު ކޮވިޑް 19އަށް ޕޮޒިޓްވެފައިވާއިރު މާލެއަށް އެޗްޕީއޭއިން ވަނީ ރެޑް އެލާޓް ނެރެފައެވެ. އަދި 24 ގަޑިއިރަށް މާލެ ވަނީ ލޮކްޑައުންކޮށްފައެވެ.