ޚަބަރު

މިދަނޑިވަޅުގައި ދައުލަތަށް ލިބިފައިވާ އެންމެހާ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުފައި ހިފުމަށް އިދިކޮޅުން ގޮވާލައިފި

މިދަނޑިވަޅުގައި ދައުލަތަށް ލިބިފައިވާ އެންމެހާ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް 19 އަށް މާލޭން ދިވެއްސަކު ޕޮޒިޓިވްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އަދި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް މިދަނޑުވަޅުގައި ނޭޅިއްޖެނަމަ ރާއްޖޭގައި، އަދި ވަކިން ބައިބޯ ވެރިރަށް މާލޭގައި ގިނަ ބަޔަކަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވުން އިތުރުވެގެންދާ ކަމެއް ކަމަށެވެ.

އެހެންކަމުން ދައުލަތަށް ލިބިފައިވާ އެންމެހާ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއެކު، އެއްވެސް ތަފާތުކުރުމެއް ނެތި އެންމެހާ ރައްޔިތުންނަށް ލިބިދިނުމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ވަނީ ގޮވާލައްވައިފައެވެ. އަދި ކޮވިޑް 19 ރެސްޕޮންސްގެ ތެރެއިން ހޯދިފައިވާ ޓެސްޓު ކިޓްފަދަ ސިއްހީ ތަކެތިވެސް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

އެގޮތުން ކާރިސާއާ ގުޅިގެން އެންމެ ކުރީ ސަފުގައި ހިދުމަތްކުރަމުންދާ ސިއްހީ އަދި އެހެނިހެން ދާއިރާތަކުގެ ފަރާތްތަކުގެ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެ މަސައްކަތަށް އެފަދަ ފަރާތްތަކަށް ބޭނުންވާނެ ފުރިހަމަ ވަސީލަތްތައް ފޯރުކޮށްދެމުން ގެންދިއުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއްކަމުގައިވާތީ އެކަން އެގޮތުގެ މަތިން އިންތިޒާމު ކުރުމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

އިދިކޮޅުން ބުނީ، 24 ގަޑިއިރުގެ މުއްދަތަށް މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ސަބަބުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް ދަތި އުދަނގުލަކާއި ކުރިމަތިލާން ޖެހުމުގެ އިތުރުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ.

އަދި ކަމާބެހޭ ފަރާތްތަކުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ އެންމެހާ މުހިންމު ފިޔަވަޅުތަކުގައިވެސް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް އިހްތިޔާރުކުރުމާއެކު، ރައްޔިތުންނަށް ބޭނުންވާ ސައްހަ މައުލޫމާތުތައް ލަސްކުރުމެއް ނެތި ވަގުތުން ވަގުތަށް ހާމަކުރަމުން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ މިދަނޑިވަޅުގައި ކ. ކާށިދޫ ވެސް މޮނީޓަރިންގެ ހާލަތުގައި އޮތުމާއެކު އަތޮޅުތެރޭގައި އަޅަމުންދާ ފިޔަވަޅުތަކާމެދުވެސް ރައްޔިތުންގެ މެދުގައި ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެން ނުދާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަކީ ވަރަށް ވެސް މުހިންމުކަމެއް ކަމަށެވެ.