ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ފޮޓޯ މީސް މީޑިއާގައި ހިއްސާކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް: ޖެންޑާ މިނިސްޓަރު

އަލީ ޔާމިން

1

ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންގެ ފޮޓޯއާއި ޒާތީ މައުލޫމާތު މީސް މީޑިއާގައި އާންމުކުރުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާލެއިން މިއަދު ހެނދުނު ކޮވިޑް 19އަށް އަންހެން މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭނާގެ ފޮޓޯކަމަށް ބުނެ މީސް މީޑިއާގައި ދަނީ ފޮޓޯތަކެއް ދައުރުކުރަމުންނެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އާއިޝަތު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ މީހަކަށްވެސް ކޮވިޑް 19 ޖެހިދާނެ ކަމަށާއި އެހެންކަމުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ފޮޓޯ މީސް މީޑިއާގައި ހިއްސާ ކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެކަކު އަނެކަކަށް އެހީތެރިވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ.

"ކޮވިޑަކީ ވަކި މީހަކަށް ޖެހޭ އެއްޗެއް ނޫން. ކޮންމެ މީހަކަށްވެސް އެބަލި ޖެހިދާނެ. އެ ބަލި ޖެހިފައިވާ މީހުންގެ ފޮޓޯ މީސް މީޑިއާގައި ހިއްސާކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް،" މިނިސްޓަރު އާއިޝަތު ދީދީގެ ޓުވީޓުގައި ބުނެފައިވެއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލި މީހުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ކުށެކެވެ. އެކަން އެގޮތަށް ނުކުރުމަށް ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވެސް ވަނީ މިއަދު އިލްތިމާސްކޮށްފައެވެ. އަދި އެފަދައިން އަމަލު ކުރާ ފަރާތްތަކުގެ މައްސަލަތައް ރިޕޯޓު ކުރުމަށްވެސް ވަނީ އެދިފައެވެ.

މިއަދު ހެނދުނު ކޮވިޑް 19އަށް ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި ދިވެއްސަކު މިރޭ ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. "ވަން"އަށް އެނގިފައިވާ ގޮތުގައި މިރޭ ޕޮޒިޓިވްވީ މިއަދު ހެނދުނު ޕޮޒިޓިވްވި އަންހެން މީހާގެ ދެ އަހަރު ނުވާ ދަރިފުޅެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ހަތް ދިވެއްސަކަށް ވަނީ ކޮވިޑް 19 ޖެހިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟