ކޮވިޑް 19އާ ގުޅުވައިގެން ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފެތުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް 19އާ ގުޅޭ އެންމެ ފަހުގެ އަދި ކަށަވަރު މައުލޫމާތު ފޯރުކޮށްދިނުމުގައި އެ އެޖެންސީން ދެމިއޮންނާނެ ކަމަށާއި މި ދަނޑިވަޅުގައި ކަށަވަރު ނުކުރެވޭ އަދި ނުރަނގަޅު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އަންގައި އިލްތިމާސްކުރާ ކަމަށެވެ.
މާލެއިން މިއަދު ހެނދުނު ވަނީ ކޮވިޑް 19އަށް އަންހެން މީހަކު ޕޮޒިޓިވްވެފައެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވުމުން ކޮމިއުނިޓީ ޓްރާންސްމިޝަނެއްގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރާ އިރު، އެމީހާއާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެތައް ބަޔަކު ދެނެގަނެ ބައެއް މީހުން ހޯމް ކަރަންޓީނަށް އަދި ހޯމް އައިސޮލޭޝަންގައި ތިބުމަށް އަންގާފައިވާއިރު 11 މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ.
އެޗްޕީއޭއިން މިރޭ ބުނީ އެމީހާއާ ކޮންޓެކްޓްވި ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. "ވަން"އަށް އެނގިފައިވާ ގޮތުގައި މާލެއިން މިރޭ ކޮވިޑަށް ޕޮޒިޓިވްވީ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދެ އަހަރު ނުފުރޭ އަންހެން ދަރިފުޅެވެ. އަނެއް ދިހަ ސާމްޕަލް ވަނީ ނެގަޓިވްވެފައެވެ. އޭގެ ތެރޭގައި އެ އަންހެން މީހާގެ ފިރިމީހާ ވެސް ހިމެނެއެވެ.
މާލެއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވުމުން އެޗްޕީއޭއިން ވަނީ މާލެ 24 ގަޑިއިރަށް ލޮކްޑައުންކޮށް އެލާޓް ލެވެލް ރަތަށް ބަދަލުކޮށްފައެވެ.