ޚަބަރު

ސްރީލަންކާ އަދި އިންޑިއާއަށް ފޮނުވި ކެއާ ޕެކޭޖްތަކުގެ ބޮޑުބައި ހަވާލުކޮށް ނިމިއްޖެ

އަލީ ޔާމިން

ކޮވިޑް 19ގެ ސަބަބުން ބޭރުގެ ގައުމުތަކުގައި ދިރިއުޅެމުން އަންނަ ބައެއް ދިވެހިންނަށް ޒަރޫރީ ތަކެތި ލިބުމުގެ ދަތިތައް ކުރިމަތިވުމާ ގުޅިގެން އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވެދިނުމަށް ސަރުކާރުން ފެށި ކެއާ ޕެކޭޖް ފޮނުވުމުގެ އިންތިޒާމްތަކުގެ ދަށުން، ސްރީލަންކާ އަދި އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންއަށް ފޮނުވި ކެއާ ޕެކޭޖްތަކުގެ ބޮޑު ބައެއް އާއިލާތަކާ ހަވާލުކޮށް ނިމިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއަދުގެ ނިޔަލަށް ލަންކާއަށް ފޮނުވި 622 ޕެކޭޖްގެ ތެރެއިން 560 އަށްވުރެ ގިނަ ޕެކޭޖް އާއިލާތަކަށް ރައްދުކޮށްދީފައިވާ ކަމަށެވެ. އަދި ބާކީ ހުރީ ލަންކާއަށް ޕެކޭޖްތައް ފޮނުވި ފަހުން، އެޕެކޭޖާއި ހަވާލުވާން ޖެހޭ އާއިލާ މާލެއަށް އައިސްފައިވާ ޕެކޭޖްތަކާއި، ހައިކޮމިޝަނުން ގުޅަން މަސައްކަތްކޮށްގެން ނުގުޅުނު އާއިލާތަކާ ހަވާލުކުރަން ޖެހޭ ބައެއް ޕެކޭޖްތައް ކަމަށެވެ.

އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވި 79 ޕެޖޭކްގެ ތެރެއިން މިއަދާއި ހަމައަށް ޑެލިވާ ނުކުރެވި ހުރީ ދެ ޕެކޭޖު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ޓްރިވެންޑްރަމަށް ދިޔަ ފްލައިޓްގައި އެސިޓީއަށް ފޮނުވި 79 ޕެކޭޖްގެ އިތުރުން ކޮޗިންގައި ތިބި އާއިލާތަކަށް 65 ޕެކޭޖް ފޮނުވާފައި ވެއެވެ. ކޮޗިންއަށް ފޮނުވި ޕެކޭޖްތައް ޓްރިވެންޑްރަމްއިން ކޮޗިންއަށް ގެންދިޔުމަށް ބޭނުންވާ ހުއްދަތައް ހޯދައިގެން، ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްއިން ވަނީ މިހާރު އެތަކެތި ކޮޗިންއަށް ގެންގޮސްފައި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދިރުއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި 452 ކެއާޕެކޭޖްގެ ތެރެއިން 250 ޕެކޭޖް އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށާއި ބާކީ ހުރި 202 ޕެކޭޖް ހަވާލުކުރުމުގެ މަސައްކަތް ހައިކޮމިޝަނުން އަންނަނީ ކުރަމުން ކަމަށެވެ.

އެގައުމުތަކުގައި ތިބި ދިވެހިންނަށް ފޮނުވި ކެއާ ޕެކޭޖުތައް ހަވާލުނުކުރެވި ލަސްވަނީ ކޮވިޑް 19އާ ގުޅިގެން އެގައުމުތަކުން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް ދަތިތަކާއެކުވެސް ސަރުކާރުން އަންނަނީ ލަންކާއަށާއި އިންޑިއާ އަދި މެލޭޝިއާއަށް ފޮނުވި ކެއާޕެކޭޖްތައް ވީއެންމެ އަވަހަށް އާއިލާތަކަށް ރައްދުކުރުމަށް މަސައްކަތްކުރަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.