މާލޭން ޕޮޒިޓިވްވި ފުރަތަމަ މީހާއާ ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތުގެ ތެރެއިން މާލެ ސިޓީގެ ގެއަކާއި އައްޑޫ ސިޓީގެ ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ މިއަދު މާލޭ ސިޓީން ކޮވިޑް 19އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން ބަލަންޖެހޭ ބައެއް ކަންކަން ބެލުމަށް ހ. ރަތްކުރެދި އިމާރާތުގެ ހަތަރުވަނަ ފަންގިފިލާ އާއި ނޫމަސްވާދީ، ސ. ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
މިއަދު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާއަކީ މާލޭ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެހި އަންހެނެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވުމުން މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އަދި އެމީހާ ދިރިއުޅުނު މ.ޖަރީމާގެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އެމީހާގެ އިތުރުން މާލޭން ދެވަނައަށް ޕޮޒިޓިވްވެފައިވަނީ އެމީހާގެ ދެ އަހަރު ނުފުރޭ ދަރިފުޅެވެ. ފުރަތަމަ ޕޮޒިޓިވްވި މީހާގެ ފިރިމީހާ ހިމެނޭގޮތުން ސީދާ ބައްދަލުވެފައިވާ ދިހަ މީހެއްގެ ސާމްޕަލް ވަނީ ނެގަޓިވްވެފައެވެ.
މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލި މުޖުތަމައު ތެރެއަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި މާލޭގެ އެލާޓް ލެވެލް ވެސް ވަނީ ރަތަށް ބަދަލުކޮށްފައެވެ.
މިކަމާ ގުޅިގެން މާލޭގައި މިވަގުތު ވަނީ ލޮކްޑައުން އިއުލާނުކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި މީހުން ގެއިން ބޭރަށް ނުކުތުމާއި މާލޭ ބަނދަރުން އެއްވެސް އުޅަނދެއް ފުރުން ވެސް ވަނީ މަނާކޮށްފައެވެ.