އަލީ ޔާމިން
މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލެ ލޮކްޑައުންކުރުމާ ގުޅިގެން މާލޭ ސަރަހައްދު ޕެޓްރޯލް ކުރުމުގައި 200 އާ ގާތްކުރާ އަދަދަކަށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ، މާލޭ ސަރަހައްދަށް މިއަދު އިއުލާންކުރި ލޮކްޑައުން ތަންފީޒުކުރުމުގެ ގޮތުން 200 އާ ގާތްކުރާ އަދަދަކަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.
"ލޮކްޑައުންއާ ގުޅިގެން ގްރޭޓާ މާލޭ އޭރިއާ ހުޅުމާލެ، ވިލިމާލެ އަދި މާލެ ހިމަނައިގެން އަދި ތިލަފުށި ވެސް ހިމަނައިގެން އަޅުގަނޑުމެން ގާތްގަނޑަކަށް 200 އާ ގާތްކުރާ އަދަދަކަށް ފުލުހުން ހަރަކާތްތެރިވާނެ. އެއީ މި ލޮކްޑައުން އެންފޯސް ކުރުމަށް." ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ، މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމުން ފުލުހުންގެ އެލާޓު ލެވެލް އޮރެންޖަށް މަތިކޮށްފައިވާ ކަމަށާއި އެލާޓް ލެވެލް މަތކުރުމުން ކުރިއަށް ވުރެ ގިނަ ފުލުހުން ކުރީ ސަފުގައި އެކި ކަންކަމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
މީގެ އިތުރުން މިއަދު މެންދުރުފަހު 3:30 އިން ފެށިގެން މާލެއަށް އެއްވެސް އުޅަނދެއް އައުންވެސް އަދި މާލެއިން އެއްވެސް އުޅަނދެއް ފުރުންވެސް މަނާކުރެވިފައިވާ ކަމަށާއި އެކަންކަންވެސް ގާތުން ބަލަމުން އަންނަ ކަމުގައި ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.
މާލެއިން މިއަދު ވަނީ ކޮވިޑް 19އަށް ދިވެހި އަންހެނެއް ޕޮޒިޓިވްވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާއަކީ ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެފައިވާ މީހެއް ނޫން ކަމަށާއި އެހެންކަމުން މިހާތަނަށް ބެލި ބެލުމުން އެމީހާ ޕޮޒިޓިވްވުމަކީ ކޮމިޔުނިޓީ ޓްރާންސްމިޝަނެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. އެއާއެކު އެޗްޕީއޭއިން ވަނީ މާލެ 24 ގަޑިއިރަށް ލޮކްޑައުންކޮށްފައެވެ.