ޚަބަރު

އެކަކު އަނެކަކަށް އެހީތެރިވާންވީ މިވަގުތު މުދަލަށް ގެއްލުންދީ ބިރުވެރިކަން އުފައްދަން ފުރުސަތެއް ނުދޭނަން: އިމްރާން

އިބްރާހިމް ޒަކީ

އެކަކު އަނެކަކަށް އެހީތެރިވެ އަޅާލައި، އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތު ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ، މުޖުތަމައުގައި ބިރުވެރިކަން އުފައްދަން ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އދ. މަހިބަދޫ ބަނދަރުގައި އޮތް ލޯންޗުތަކެއްގައި ބަޔަކު ރޯކޮށްލި ހާދިސާއަށް އިޝާރާތްކުރައްވައި، ހޯމް މިނިސްޓަރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް 19ގެ މިވަގުތަކީ އެކަކު އަނެކަކަށް އެހީތެރިވެ އަޅާލައި، އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތު ކަމަށެވެ.

މިވަގުތު ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ، މުޖުތަމައުގައި ބިރުވެރިކަން އުފައްދަން މަަސައްކަތް ކުރުމަކީ، ނުބައިކަން ބޮޑު ކަމެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު، ކޮވިޑް 19 އާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި، ހާއްސަކޮށް ކޮވިޑް 19 ޖެހުނު ފުރަތަމަ މީހާ މާލެއިން ފެނުމުގެ ސަބަބުން މާލެ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި ސަލާމަތީ ބާރުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނިއުސްކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

އެ ނިއުސްކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވިދާޅުވީ، މިވަގުތު ކޮވިޑް 19ގެ ކަންތައްތަކަށް ބޮޑު ފޯކަސްއެއް އޮތް ނަމަވެސް ސަލާމަތީ ބާރުތަކުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.

މި ހާދިސާގައި ރޯކޮށްލާފައިވަނީ ޕޮލިސް ލޯންޗުގައާއި އަތޮޅު ކައުންސިލު ލޯންޗުގައާއި ސީއެމްބިޔުލެންސް ލޯންޗާއި އެޗްއެމްއެޗްއައި ޓްރަވެލެސް އެކެއް އަދި ދޭއްގެ އިތުރުން ދެ ޑިންގީއެއްގައެވެ.