ބަންގުލަދޭޝުން ރާއްޖެއަށް 100 ޓަނުގެ ތަކެތި ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް 19އާ ގުޅިގެން ބަންގުލަދޭޝުން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ކާޑުގެ ބާވަތްތަކާއި ރާއްޖޭގައި އާންމުކޮށް ކެއުމަށް ބޭނުން ކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކޮވިޑް 19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރާ އެކި މެޑިކަލް އާލާތްތައް ކަމަށެވެ.
އެތަކެތި ރާއްޖެ އަންނާނީ ބަންގްލަދޭޝްގެ ނޭވީގެ މަނަވަރެއްގައި ކަމަށާއި އެ މަނަވަރު އެހީގެ ތަކެއްޗާއެކު ރާއްޖެ އައުމަށް މިއަދު ފުރާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ބަންގުލަދޭޝުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމާގުޅޭ ގޮތުން މިދިޔަ ހަފްތާތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެގައުމުގެ ފޮރިން މިނިސްޓަރާ ދެފަހަރެއްގެ މަތިން މަޝްވަރާ ކުރައްވައިފައެވެ. އަދި ބަންގުލަދޭޝުން ރާއްޖެއަށް މިދަނޑިވަޅުގައި ފޯރުކޮށްދޭ އެހީތެރިކަމާ ގުޅިގެން ބަންގުލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.