މާދަމާ އިން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ވޯކް ވިސާ އާއި ބައެއް އެހެނިހެން ވިސާ ހިދުމަތް ދިނުން މެދުކަނޑާލައިފި އެވެ.
އިމިގްރޭޝަނުން ބުނީ ވިސާ ޑިވިޝަން ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި އެ އެއޮފީހުގެ ހޮޓްލައިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ބޭނުންވާ މައުލޫމާތުތައް ދެމުންގެންދާނެ ކަމަށެވެ.
އެގޮތުން އެ އޮފީހުގެ ވޯކްވިސާގެ ކަންކަމުގައި 9199153 އަދި އެހެނިހެން ހިދުމަތް 9199157 ހޮޓްލައިން ނަންބަރުގެ ހިދުމަތް ހެނދުނު 10:00 އިން އިރުއޮއްސި 18:00 އާ ހަމައަށް ދެމުން ގެންދާނެ ކަމަށެވެ.
މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން މާލެ ސަރަހައްދު ވަނީ މިއަދު 15:30 އިން ފެށިގެން 24 ގަޑި އިރަށް ލޮކްޑައުން އިއުލާނުކޮށްފައެވެ.
މިހާތަނަށް ކޮވިޑް 19 ޕޮޒިޓިވެފައިވާ ހަ ދިވެހިން ވަނީ ފެނިފައެވެ. ރާއްޖެއިން އެ ވައިރަސްއަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 21 އަރައިފައެވެ.
ކޮރޯނާވައިރަސް އަށް މީގެ ކުރިން ޕޮޒިޓިވް ވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސި ވިލާތުން އައި މީހުންނެވެ. ފަސްވަނަ މީހާ އައީ ފިލިޕިންސުންނެވެ. ނަމަވެސް މިއަދު މާލެއިން ޕޮޒިޓިވް ވި މީހާ އެއްވެސް ތަނަކަށް ދަތުރުކޮށްފައެއް ނުވެއެވެ.