ޚަބަރު

ކޮވިޑް 19އިން ރައްޔިތުން ރައްކާތެރިކޮށްދިނުމަށް ހުރިހާ ގުރުބާނީއެއް ވާން ތައްޔާރު: ޝަމާލް

ކޮވިޑް 19އިން ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް ހުރިހާ ގުރުބާނީއެއް ވާން ސަލާމަތީ ބާރުތައް އޮތީ ތައްޔާރަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ސަލާމަތީ ބާރުތަކުން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތުދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމާލް ވިދާޅުވީ މިކަހަލަ ނާޒުކު ފައްތަރެއްގައި، ރައްޔިތުން ނިކަމެތިވެފައިވާ ވަގުތެއްގައި އެއްވެސް ފަރާތަކުން މީގެ ނާޖާއިޒު ފައިދާ ނަގަން ސަލާމަތީ ހިދުމަތްތަކުން އެ ފުރުސަތެއް ނުދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"މިހާރުވެސް މަސައްކަތްތައް ކުރަމުން މިގެންދަނީ ގައުމީ ސަލާމަތް، ނެޝަނަލް ސެކިއުރިޓީ އެންހޭންސް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން މިގެންދަނީ. ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ އަޅުގަނޑުމެން ދެ މުއައްސަސާ މިކަމުގައި ވެވެން ހުރި ހުރިހާ ގުރުބާނީއެއް ވެގެން ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި، ސަލާމަތްކުރުމަށްޓަކައި ހުރިހާ މަސައްކަތެއް ކުރާނެކަން. އަދި ހުރިހާ ސިފައިންނާއި ފުލުހުންނާއި ދެންވެސް މިކަމުގައި ބައިވެރިވާ ފަރާތްތައް ވެސް އެކީގައި މަސައްކަތްކުރާނެ،" އޭނާ ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މިއަދު މާލެއިން ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން މިހާރު އެހެން ހާލަތަކަށް ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އަތުވެދާނެ ނޭދެވޭނެ އަސަރުތައް ދިރާސާކޮށް މިހާރު އެކަމަށްޓަކައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.