ޚަބަރު

ގާނޫނީ މެންޑޭޓު އަދާކުރުމަށް ފަހަތަށް ޖައްސާލެވޭނެ ކަމަށް ދެކޭދެކުން އެއީ ގޯސް ވިސްނުމެއް: ސީޕީ ހަމީދު

ފުލުހުންގެ ގާނޫނީ މެންޑޭޓު އަދާކުރުމަށް ފަހަތަށް ޖައްސާލެވޭނެ ކަމަށް ދެކޭދެކުން އެއީ ގޯސް ވިސްނުމެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ސަލާމަތީ ބާރުތަކުން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތުދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ ކޮވިޑް 19އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ސަލާމަތީ ބާރުތަކުގެ ދައުރެއް ވެސް އެބައޮތް ކަމަށެވެ.

"މިކަމުގައި އަޅުގަނޑުމެންގެ ގާނޫނީ މެންޑޭޓު އަދާކުރުމުގައި ފަހަތަށް ޖައްސާލެވޭނެ ކަމަށް ނުވަތަ އަޅުގަނޑުމެން ބަލިކޮށްލެވޭނެ ކަމަށް ދެކޭ ދެކުން އެއީ އެގޮތަށް އެކަން ވެގެންދާނެ ގޮތެއް ނޫން. އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކޮށް. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން. މިއަދު ހެނދުނު ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު،" ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ވަކި ކަމަކަށް ހުއްޓިފައި ހުންނަ ދަނޑިވަޅުތަކުގައި ކުށްކުރާ މީހުން އޭގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރާ ކަމަށާއި އެ ފުރުސަތު ސަލާމަތީ ބާރުތަކުން ނުދޭނެ ކަމަށެވެ.

ކޮވިޑް 19އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ. އަދި ލޮކްޑައުންގެ ހާލަތުގައި މީހުން ނުކުމެ އުޅުމާއި، އުޅަނދުފަހަރުތައް ފުރުން ވަނީ މަނާކޮށްފައެވެ.