މިވަގުތު ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކަލެއް އޮތް ކަމަށް ފާހަގައެއް ނުކުރެވޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ސަލާމަތީ ބާރުތަކުން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތުދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ މިވަގުތު އެފަދަ ނުރައްކަލެއް ނެތް ކަމަށް ފާހަގަނުވި ނަމަވެސް، އެކަމަށް ވާގިވެރިވާ ނުވަތަ އެކަމުގައި ހަރަކާތްތެރިވާ ފަރާތްތައް މުޖުތުމައުގެ ތެރޭގައި އަދިވެސް އެބަތިބި ކަމަށެވެ.
މިހާރުން މިހާރަށް ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައި އޮތް ކަމަކަށް، އެފަދަ އެސެސްމަންޓެއް އަޅުގަނޑުމެންނަށް ހެދިފައެއް ނެތް. ނުވަތަ އެސެސްއެއް ނުކުރެވޭ. އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ފާއިތުވެދިޔަ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ހައްޔަރުކުރެވިފައި ތިބި، މިކަމުގައި ޝާމިލުވާ އެކިއެކި ލެވަލުގައި ހަރަކާތްތެރިވާ ފަރާތްތައް ހައްޔަރުކޮށްފައި ތިބި އިރުވެސް ކޮންމެވެސް ވަރަކަށް މިކަމުގެ ތެރޭގައި ރޭވުންތެރިކަމާއެކު، ވަކިން ހާއްސަކޮށް މަޑުއްވަރީގައި މި ހިންގި އޮޕަރޭޝަނާ ގުޅިގެން، އަދި އެއަށްފަހު ހަތަރެއް ފެބްރުއަރީގައި ހުޅުމާލޭގައި ދިން ހަމަލާގައި އަޅުގަނޑުމެންނަށް ހޯދިފައިވާ ހޯދުންތަކުން އަޅުގަނޑުމެންނަށް ދެންނެވިދާނެ އެކަންތައްތަކާ ގުޅިގެން އަދިވެސް ވަރަށް ބޮޑަށް ކަންތައްތައް ކުރުން، ހާއްސަގޮތެއްގައި ސަރުކާރާ ދެކޮޅު ނުވަތަ ސަލާމަތީ ހިދުމަތްތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވާތީވެ އެކަމުގެ ބަދަލެއްގެ ގޮތުގައި ކަންތައްތަކެއް ކުރުމުގެ ވިސްނުން ހުންނަކަން އަޅުގަނޑުމެންނަށް އެބަ އެނގޭ،" ސީޕީ ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ކޮވިޑް 19ގެ ހާލަތު އުފެދުނީއްސުރެ އާންމުގޮތެއްގައި ފުލުހުންނަށް ހުށަހެޅޭ ކުދިކުދި ވައްކަން، ފޭރުން، މި ބާވަތުގެ ކުށްތައް ފާއިތުވެދިޔަ ހަތަރު ހަފުތާއަށް ބަލާއިރު މަދުކަން ފާހަގަކުރެވޭ ކަމަށާއި އެހެންނަމަވެސް ރާވައިގެން ކުރާ ކުށްތައް ފާހަގަކުރެވޭ ކަމަށެވެ. ހާއްސަގޮތެއްގައި ގްރޫޕުތަކުން ރާވައިގެން ހިންގާ ބޮޑެތި ވައްކަންތައް ފާހަގަކުރެވޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.