މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވް މީހަކު ފެނުމުން ސިފައިންނާއި ފުލުހުންގެ އެލާޓު ލެވަލް މަތިކޮށްފިއެވެ.
ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ސަލާމަތީ ބާރުތަކުން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތުދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސިފައިން މިހާރު ވަނީ އެލާޓް ލެވަލް 'ބްލޫ 1'އަށް ގެނެވިފައި ކަމަށާއި ސިފައިން މިހާރު ތިބޭނީ އެ ތިބެންޖެހޭ ހެޑްކުއާޓާސްތަކުގައި މި އޮޕަރޭޝަނަށް ތައްޔާރަށް ކަމަށެވެ.
"ސިފައިން މިހާރު ވަނީ އެލާޓް ލެވަލް 'ބްލޫ 1'އަށް ގެނެވިފައި. 'ބްލޫ 1'އަކީ ކާރިސާތަކާ ގުޅިގެން އަޅުގަނޑުމެން ގެންނަ ސްޓޭޓަސްއެއް. 'ބްލޫ 1'އަށް ގެނެވުމާއެކީގައި ހުރިހާ ސިފައިން ކަހަލަ ގޮތަކަށް މޮބަލައިޒްކުރެވޭނެ މި އޮޕަރޭޝަނަށް. މޮބަލައިޒްކުރެވި، ބޭނުންވާ ދިމަދިމާއަށް ސިފައިން ހަރަކާތްތެރިވުމާއި އިތުރަށް އަޅުގަނޑުމެންގެ އެންގޭޖްމަންޓު މިހާރު ބޮޑުވެގެންދާނެ. މިހާރު ފެމިލީތަކާއެކީ ސިފައިންނެއް ނުތިބޭނެ. ސިފައިން މިހާރު ތިބޭނީ އެ ތިބެންޖެހޭ ހެޑްކުއާޓާސްތަކުގައި މި އޮޕަރޭޝަނަށް ތައްޔާރަށް،" ޝަމާލް ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުން މިހާރު އަމަލުކުރަމުން އަންނަނީ އޮޕަރެޝަންސް ލެވަލް 2ގައި ކަމަށާއި ފުލުހުން މަސައްކަތްކުރަނީ ފުލުހުން އާންމުކޮށް ދޭ ހިދުމަތްތައް ދިނުމުގައި އޮފިސަރުންގެ ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އެޅުމަށް އުސޫލުތަކެއް ގާއިމުކޮށްފައިވާނެ ކަމަށެވެ.
އަޅުގަނޑުމެން ވެސް އަމަލުކުރަމުން މިގެންދަނީ އޮޕަރޭޝަންސް އެލާޓް ލެވަލް 2ގައި. އެއީ އަޅުގަނޑުމެންގެ ލެވަލް ސިސްޓަމު އޮންނަ ގޮތުން ވެއްޖެއްޔާ އޮރެންޖް. އެ ލެވަލްގައި ވީމަ، ވަކި އަދަދަކަށް ފުލުހުންގެ އެވައިލަބިލިޓީ އަޅުގަނޑުމެންނަށް އޮންނާނެ އެއިރެއްގައި އެ ހިނގާ އޮޕަރޭޝަނަކަށް،" ސީޕީ ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ މާލެ އާއި ހުޅުމާލެއިން އާންމު ހިދުމަތްތައް ދޭ ފުލުހުން ގެއަށް ނުގޮސް، އެހެން ތަންތަނުން އެކޮމޮޑޭޝަން ހަމަޖެއްސުމުގެ އިންތިޒާމު ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް އެކަންކަން ހަމަޖެހެމުން އަންނަ ކަމަށެވެ.