ޚަބަރު

މިފަދަ ދަނޑިވަޅުތަކުގައި ނާޖާއިޒް ފައިދާ ނަގަން މަސައްކަތްކުރޭ، އެ ފުރުސަތެއް ނުދޭނަން: ސަލާމަތީ ބާރުތައް

ފަދަ ދަނޑިވަޅުތަކުގައި ނާޖާއިޒް ފައިދާ ނަގަން މަސައްކަތްކުރާ ކަމަށް އެ ފުރުސަތު ނުދޭނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ސަލާމަތީ ބާރުތަކުން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތުދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ މިފަދަ ދަނޑިވަޅުތަކުގައި އޮޅުވާލައިގެން ފައިސާ ހޯދުން ފަދަ ކުށްތައް ވެސް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

"ކޮވިޑް 19އަށް ދައުލަތުގެ އެކި މުއައްސަސާތަކުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު، އަޅުގަނޑުމެންގެ ވަސީލަތްތަކާއި މިކަންކަން ވަކި ކަމަކަށް ހުއްޓިފައި ހުރި އިރުގައި އޭގެ ނާޖާއިޒު ފައިދާ ނަގައިގެން މި ހާލަތުގެ ބޭނުންކޮށްގެން ދިވެހިރާއްޖެ އެކަންޏެއް ނޫން، ބޮޑެތި އެހެން ގައުމުތަކުގެ ވެސް ކުށްކުރާ ނެޓްވޯކްތަކާއި ޓެރަރިސްޓް ނެޓްވޯކްތަކާއި މިހުރިހާ ފަރާތްތަކުން ވެސް އެކްޕްލޮއިޓް އެބަކުރޭ މި ފުރުސަތު ނުވަތަ މި ދަނޑިވަޅު. އެކި ކަހަލަ ކުށްތައް ކުރުމަށް. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގާތްގަނޑަކަށް މިދިޔަ ދޮޅުމަހެއް ދެމަސް ތެރޭ ރާއްޖޭގައި ވެސް ކުށްކުރާ ފަރާތްތަކުން އެބަހުރި އެކްސްޕްލޮއިޓް ކުރުމަށް ނުވަތަ ކުށްކޮށްގެން ވަކި ކަހަލަ ފައިދާތަކެއް ހޯދުމަށް މަސައްކަތްކުރާތަން،" ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ އޮޅުވާލައިގެން ފައިސާ ހޯދުމަށް މާފުށީ ޖަލު ތެރެއިން ވެސް މަސައްކަތްތަކެއް ކުރާ ކަމަށާއި އެމީހުން ބޭނުންކުރާ ސިމް ކާޑުތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ދަންނަވައިގެން ބްލޮކްކޮށްފައިވާނެ ކަމަށެވެ.

"ފާއިތުވެދިޔަ ގާތްގަނޑަކަށް ދިހަ ވަރަކަށް ދުވަހު ވެސް މާފުށި ޖަލު ތެރެއިން މި މޭރުމުން ކުރަމުން އައި ކަންތައްތަކެއް އަޅުގަނޑުމެން ވާނީ ހުއްޓުވާފައި. އަޅުގަނޑުމެން ވާނީ 35 ސިމް ކާޑެއް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ދަންނަވައިގެން ބްލޮކްކޮށްފައި. ފާއިތުވެދިޔަ ފަސް އަހަރު މާފުށީ ޖަލުގައި ހަމަ މި މޭރުމަށް އެކި ކުށްތަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރަމުން އައި 150 ސިމް ކާޑެއް އަޅުގަނޑުމެން ވާނީ ޕޮލިސް ސާވިސްގެ ފަރާތުން ބްލޮކްކޮށްފައި،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ ކޮވިޑް 19އަށް ސަރުކާރުން ކުރާ މަސައްކަތުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައާއި ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކާއި ހާއްސަ ހާލަތްތަކަށް ގެންނަ ރިސޯޓުތަކުގައި ވެސް ފުލުހުންނާއި ސިފައިންގެ ވަސީލަތްތައް ގާއިމުކުރެވިފައިވާނެ ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަމާއި ގައުމުގެ ސަލާމަތް ނަގަހައްޓަން ސަލާމާތީ ބާރުތައް ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.