ޚަބަރު

ފޯޑިއަމަކަށް އަރަން ލިބުނު ނަމަ، ޔާމީނަށް 30،000 ވޯޓު ވެސް ނުލިބޭނެ: އިލްހާމް

ކެމްޕޭނުގެ ތެރެއިން ފޯޑިއަމަކަށް އެރުމުގެ ފުރުސަތު ލިބުނު ނަމަ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ކޮން ބޭފުޅެއްކަން ވަރަށް ރަނގަޅަށް ކިޔައިދިނީސް ކަމަށާއި އޭރުން ރައީސް ޔާމީނަށް 30،000 ވޯޓު ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ދާދި ފަހުން ޖަލު ބަންދުން ސަލާމަތްވި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުއްޖެއެވެ.

ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ އޭނާ ދެކޭގޮތުގައި ކެމްޕޭން ދުވަސްވަރު ވެސް ޖަލުގައި ބަންދުކޮށްފައި ހުރީ ރައީސް ޔާމީން ޖެހިލުން ވުމުން ކަމަށާއި ބަންދުން ދޫކޮށްލިނަމަ ރައީސް ޔާމީނަކީ ކޮން ބޭފުޅެއްކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް ކިޔައިދޭނެ ކަމަށެވެ.

"ދޫކޮށްލިނަމަ ރައީސް ޔާމީނަކީ ކޮން ބޭފުޅެއްކަން ވަރަށް ރަނގަޅަށް ކިޔައިދޭނަން. އަޅުގަނޑުމެންނަށް އެ ފުރުސަތު ނުލިބުނީ ޖަލުގައި ތިބެން ޖެހުނީމަ. ވާހަކަދެއްކުމުގެ ފުރުސަތު ދިން ނަމަ، ރައީސް ޔާމީނަށް 30،000 ވޯޓު ވެސް ލިބިވަޑައިނުގަންނަވާނެ. ޕޯޑިއަމަކުން ފުރުސަތު ލިބުނު ނަމަ، ނިކަން ރަނގަޅަށް ރައީސް ޔާމީނަކީ ކޮން ބޭފުޅެއްކަން އަންގައިދޭނަން. މިނިވަން އިންތިހާބެއް ބޭއްވި ނަމަ، ރައީސް ޔާމީނަށް 30،000 ވޯޓު ވެސް ލިބިވަޑައިނުގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ޖަލުގައި ހޭދަކުރަން ޖެހުނީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށާއި ކޮންމެ ދުވަހަކުވެސް 24 ގަޑިއިރު ހުންނަން ޖެހުނީ ޖަލު ގޮޅި ތެރޭގައި ކަމަށެވެ. އަދި މޫނާ ދިމާއަށް ބޮޑު މާކަރީ ލައިޓެއް ދިއްލާފައި ހުންނަ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.

"ކުރިމަތީގައި މާކަރީ ލައިޓެއް ދިއްލާފައި ހުރީ. 24 ގަޑިއިރު ހުންނަން ޖެހުނީ ޖަލު ގޮޅީގެ ތެރޭގައި. އެ ދުވަސްތަކުގައި އަޅުގަނޑުގެ އާއިލާ އުޅުނީ ވަރަށް ބޮޑު ހިތްދަތިކަމެއްގައި. އަޅުގަނޑުގެ އާއިލާ ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ތިބި، "ސިޔާސީ ހައްޔަރީން"ގެ ތެރެއިން އިލްހާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފާއި ކުރީގެ ސީޕީ އަހްމަދު އަރީފް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ބަންދުން ދޫކޮށްލައިފައެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޕާސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމް ވެސް ވަނީ ބަންދުން ދޫކޮށްލައިފައެވެ.