އަލީ ޔާމިން
ކުރިއަށް އޮތްތަނުގައި މައުލޫމާތުދޭ މިންވަރު އިތުރުކުރާނެ ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއީ ބިރުވެރި އަދި އުނދަގޫ ވަގުތެއް ކަމަށެވެ. ނަމަވެސް އެބޭފުޅާގެ އެދުމަކީ ބިރުވެރިކަމުގެ މައްޗަށް ހިކުމަތްތެރިކަން އިސްކުރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މިއީ އެއްބައިވަންތަކަމާއި އަހުވަންތަކަން އިސްކުރަންވީ ވަގުތު ކަަމަށާއި ގައުމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކޮވިޑް 19ގެ ނުރައްކަލުން ރާއްޖެއަށް އަރައިގަނެވިދާނެ ކަމަށެެވެ.
"ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެންނަށް މިބަލިން އަރައިގަނެވިދާނެ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭ މިންވަރު އިތުރުކުރާނެ ކަމަށާއި އެއްވެސް ކަމެއް ފޮރުވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ތިބޭފުޅުންނާ ބައްދަލުކުރާ ވަރު އިތުރު ކުރާނަން. ކޮންމެ ދުވަހަކު މައުލޫމާތު ދޭ ވަރު އަވަސް ކުރާނަން. ކަމެއް ފޮރުވުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް،" މަބްރޫކް ވިދާޅުވިއެވެ.
މާލެއިން މިއަދު ވަނީ ދިވެއްސަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެއާއެކު މާލެ ވަނީ ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ.