ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

މިއީ ކޮވިޑު ފެތުރުމުގެ ފެށުން ކަމަށް ގަބޫލު ކުރެވޭ، ޓެސްޓުކުރުން އިތުރުކުރާނަން: މިނިސްޓަރު އަމީން

އަލީ ޔާމިން

މިއީ ކޮވިޑު ފެތުރުމުގެ ފެށުން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ޓެސްޓުކުރުން އިތުރުކުރާނެ ކަމަށް މިނިސްޓަރު އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، މާލޭ ސަރަހައްދުގައި ބަލި ފެތުރިއްޖެނަމަ އަމަލު ކުރާނެ ގޮތްތައް މިހާރު ނިންމާފައިވާނެ ކަމަށެވެ. އެގޮތުން ފަރުވާދޭނެ ތަންތަނާއި، މާލެ ސަރަހައްދު ބަހާލާނެ ގޮތް މިހާރު ނިންމާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މިހާރު ރާއްޖޭގައި މިއޮތީ ކޮވިޑް 19ގެ މުޅިން އެހެން ހާލަތެއް ކަމަށާއި އެހެންކަމުން މިހާލަތުގައި ޓެސްޓުކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

"މިހާރު ކުރި މައުލޫމާތަށް ބަލާއިރު މިއީ ކޮމިއުނިޓީ ސްޕްރެޑްވާން ފެށުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ. އެއީ އެހެން ޕޮޒިޓިވް ކޭސްއަކާ ގުޅުމެއް ނެތް ގުޅުމެއް އޮތްކަން ނޭނގޭ ހާލަތުގައި ކޭސް އެއް ފެނުން. އެހެންމަ މި ހާލަތުގައި އަޅުގަނޑުމެން ޓެކްނިކަލް ލަަފައާއެކުގައި އަޅުގަނޑުމެން ޓެސްޓް ކުރުމުގެ ކަންކަން އިތުރަށް ފުރާކުރުމުގެ ކަންކަން ކުރެވިގެންދާނެ. އަދި މިހާލަތުގައި ޓެސްޓު ކުރެވޭ މިންވަރު ހަމަ ޔަގީނުންވެސް އިތުރުވެގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް 19އަށް ޝައްކު ކުރެވޭ މީހުންނާއި، އެމީހުންނާއި ބައްދަލުވި މީހުންގެ ތެރެއިން ފާހަގަކުރެވޭ މީހުންނާއި، ރާއްޖެ އައިސް ކަރަންޓީންގެ މުއްދަތުގެ ތިބޭ މީހުންގެ ސާމްޕަލްތައް މިހާރުވެސް އަންނަނީ ނަގަމުންނެވެ. އަދި ބައެއް ފްލޫ ކްލިކިންތަކަށް ޒިޔާރަތް ކުރާ މީހުންގެ ސާމްޕަލްއާއި ސާވައިލަންސްގެ ގޮތުގައިވެސް ބައެއް ފަރާތްތައް އަންނަނީ ކޮވިޑަށް ޓެސްޓުކުރަމުންނެވެ.

މާލެއިން މިއަދު ކޮވިޑް 19އަށް ދިވެއްސަކު ޕޮޒިޓިވްވެފައިވާ އިރު، އެއީ ކޮމިއުނިޓީ ޓްރާންސްމިޝަނެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ސިފަކޮށްފައެވެ. އެއާއެކު މާލެ 24 ގަޑިއިރަށް ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ވަނީ ފަށައިފައެވެ.