ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ސިއްހީ ހިދުމަތުގެ ތަމްރީނު ލިބިފައިތިބި ހުރިހާ ރައްޔިތުން ހިދުމަތަށް ނިކުންނަން ތައްޔާރުވުމަށް އަމީން އެދިވަޑައިގެންފި

ސިއްހީ ހިދުމަތުގެ ތަމްރީނު ލިބިފައިތިބި ހުރިހާ ރައްޔިތުން ހިދުމަތަށް ނިކުންނަން ތައްޔާރުވުމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން އެދިވަޑައިގެންފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މާލެއަކީ ރާއްޖޭގެ ހުރިހާ ކަމެއްގައި ވެސް ނާރެސް ކަމަށާއި މާލެއިން ބަލި ފެނުމުން އޭގެ ނުރައްކާ އިތުރުވެގެންދާނެ ކަމަށް ވިސްނައިގެން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

ސިއްހީ ހިދުމަތްތެރިން މިހާތަނަށް ކުރި ބުރަ މަސައްކަތާއެކީ މިއަދު އަޅުގަނޑުމެންގެ މަސައްކަތް އެތައް ގުނައަކަށް އިތުރުކުރަން ޖެހިފައި އޮތް ވަގުތު މިއޮތީ އަޅުގަނޑުމެންނާ އަރާ ހަމަކޮށްފައި. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިއްބެވި ސިއްހީ ހިދުމަތްތެރިންނަށް ވެސް މިއަދު އަޅުގަނޑު އިލްތިމާސްކުރަނީ މި މަސައްކަތުގެ ފްރަންޓް ލައިނަށް ހުރިހާ އެންމެން ނުކުތުމަށް އަޅުގަނޑުމެން ގޮވާލާ ވަގުތަށް ތައްޔާރުވާށޭ. ހާއްސަކޮށް މާލޭ ސަރަހައްދުގައި އަޅުގަނޑުމެން މިހާރު ތައްޔާރުވެފައިމިވަނީ މާލޭގައި ބަލި ފެތުރިގެންދާ މިންވަރަކަށް ބަލައި، ފަރުވާގެ ކަންކަން އިންތިޒާމުވެ އަޅުގަނޑުމެން ތައްޔާރުވެފައި މިތިބީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިހާތަނަށް ހިދުމަތުގައި ތިއްބެވި ބޭފުޅުންނާއި އަދި ކުރިން ހިދުމަތްކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ސިއްހީ ހިދުމަތަށް ތަމްރީނުވެވަޑައިގެންނެވި ބޭފުޅުން ވެސް ހިދުމަތަށް ނުކުތުމަށް ތައްޔާރުވެވަޑައިގަތުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.