މިހާރު ދެން ކުރަން ޖެހޭ ކަމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުން ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މިވަގުތު ހާސްވެ، ކުއްލިއަކަށް ގޮސް ފިހާރައިގައި ހުންނަ ހުރިހާ އެއްޗެއް ގަނެ އަދި މިވަގުތު ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ކުރަން ދިމާކޮށްފި ކަމަށްވާނަމަ، އޭގެ ސަބަބުން ބަލި އިތުރަށް ފެތުރުމަށް ހުރި ކަންކަމަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ މި ބަލީގެ ފަރުވާއަކީ ގޭގައި ތިބުން. މި ބަލީގެ ފަރުވާއަކީ އެކަކު އަނެކެއްގެ މެދުގައި ބަހައްޓަން ޖެހޭ ފިޒިކަލް ދުރުމިން ބެހެއްޓުން. ވަކިން ހާއްސަގޮތެއްގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިހާ ހިސާބަށް އައި އިރުގައި، އަޅުގަނޑުމެންނަށް ހަބަރުތަކުގައާއި އެނޫން ގޮތްގޮތުން އަޑު އިވިފައި ހުރި ވާހަކަތަކުންނާއި، މިހާރު އެންމެން ކޮށްފައިވާ ތަޖުރިބާއިން އެނގިވަޑައިގަންނަވާނެ މި ބަލި، ކޮމިއުނިޓީ ސްޕްރެޑް ނުވަތަ އަޅުގަނޑުމެންގެ އާބާދީ ތެރޭގައި ފެތުރެން ފެށީމަ ދެން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެ ފެތުރުން ލަސްކުރެވޭނެ ގޮތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އަންދާޒާކުރުންތަކަށް ބަލާ އިރުގައި މި ދުވަސްވަރު މި ހިސާބު މިއީ ރާއްޖޭގެ ކޮމިއުނިޓީއަށް ބަލި ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި މަސައްކަތްކުރަމުންދިޔައީ އެ ލަފާކުރުންތައް އަސާސަކަށް ބަހާލައިގެން ކަމަށެވެ.
ކޮވިޑް 19އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ. އަދި ލޮކްޑައުންގެ ހާލަތުގައި މީހުން ނުކުމެ އުޅުމާއި، އުޅަނދުފަހަރުތައް ފުރުން ވަނީ މަނާކޮށްފައެވެ.