ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ލޮކްޑައުން މުއްދަތު އިތުރު ވިޔަސް އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ވާނީ ހަމަޖައްސާފައި: އަމީން

ލޮކްޑައުން މުއްދަތު އިތުރު ވިޔަސް އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ވާނީ ހަމަޖައްސާފައި ކަމަށް މިނިސްޓަރ އޮފް ހެލްތުހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ދަތިތަކާއި އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ދުރާލާ ތައްޔާރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދާ ހަމައަށް އައި އިރުގައި މިވަގުތު ވަރަށް ގިނަ ތައްޔާރީތަކެއް ވެފައި މިވަނީ. އެގޮތުން ފަރުވާގެ އިންތިޒާމުތަކާއި ކޮންޓެކްޓް ޓްރޭސިން ހެދޭނެ ގޮތްތައް އަޅުގަނޑުމެން ދުރާލާ ތައްޔާރުވެފައިމިވަނީ. އަދި މިފަދަ ހާލަތެއްގައި މާލެ ތެރޭގެ ކަންކަން ތަރުތީބުކުރެވޭނެ ގޮތްތައް ބަހާލެވި، ހާއްސަކޮށް މާލޭގެ ލޮކްޑައުންގެ ދުވަސްތައް އިތުރުވާން ޖެހިއްޖެ ހާލަތެއްގައި ވެސް މާލެ ތެރޭގައި ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތާއި ބޭސް ފޯރުކޮށްދެވޭނެ ގޮތާއި އަދި މިނޫން ކޮންމެހެން ކުރަންޖެހޭނެ ކަންކަން ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭނެ އިންތިޒާމުތައް މިހާރުވެސް ހަމަޖައްސާފައިވަނީ. އެކަންކަން މިހާރުން ފެށިގެން އަޅުގަނޑުމެން އެކްޓިވޭޓްކުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިއަދު ކުރިއަށްހުރި ވަގުތުތަކުގައި ކުރިމަތިވާނެ އުނދަގޫތަކަށް އެޑްރެސްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށާއި ކާބޯތަކެތި އިތުރަށް ހޯދަންޖެހޭ ހާލަތަކަށް ދިއުމާއި އަދި އަމިއްލަ ގެއިން ނޫން ގޮތަކަށް ކެއުމުގެ އިންތިޒާމުތައް ހަމަޖެހިފައިނުވާ ފަރާތްތަކަށް އެކަން ކުރެވޭނެ ގޮތްތަކާއި އަދި ޒަރޫރީ ހާލަތްތަކުގައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ އިންތިޒާމުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

ކޮވިޑް 19އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ. އަދި ލޮކްޑައުންގެ ހާލަތުގައި މީހުން ނުކުމެ އުޅުމާއި، އުޅަނދުފަހަރުތައް ފުރުން ވަނީ މަނާކޮށްފައެވެ.